ޖަރުމަނުގެ ހުނަރުވެރި ފޯވާޑް މާރިއޯ ގޮމޭޒްގެ ކަކުލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު ވަރަށް އަވަހަށް ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ފިއޮރެންޓީނާއިން ބުނެފި އެވެ.

ގޮމޭޒް އެ ކްލަބްގެ ފަރިތަކުރުން ތަކުގައި ވަރަށް އަވަހަށް ބައިވެރިވާން ފަށާނެ ކަން އިއުލާން ކޮށްފައިވަނީ ރޭ ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގެ ދެވަނަ ލެގްގައި އުދިނޭޒީ އާއި ބައްދަލުކުރި މެޗަށްފަހު އެ ކްލަބްގެ މެނޭޖަރު އަދި ކުރީގެ އިޓަލީގެ ފުޓް ބޯޅަ ތަރި މޮންޓެލާ އެވެ.

"ގޮމޭޒް މިހާރު ހުރީ ހަތަރު މަހުގެ އަނިޔާއެއްގައި. އެކަމަކު އޭނާ ކްލަބްގެ ފަރިތަކުރުންތަކުގައި މިއަދުން ފެށިގެން ބައިވެރިވާނެ. އެކަމަކު އޭނަ ބައިވެރިވާނީ މަދު މަދުން،" މޮންޓެލާ ބުންޏެވެ.

ކުރިން ބަޔާން މިއުނިކަށްވެސް ކުޅެ އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހިއްސާ ކޮށްފައިވާ ގޮމޭޒް ފިއޮރެންޓީނާ އަށް ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 20 މިލިއަން ޔޫރޯ އަށެވެ. ނަމަވެސް ސެޕްޓެމްބަރު މަހު، ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ގޮމޭޒް މިހާތަނަށް ހުރީ ކުޅުމާއި ދުރުގަ އެވެ.