އިނގިރޭސި ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ ސްވާންސީ ސިޓީގެ ޑެންމާކު ކޯޗު މައިކަލް ލޯޑްރަޕް އެމަގާމުން ދުރުކޮށްފި އެވެ.

ހޮނިހިރު ދުވަހު ޕްރިމިއާލީގުގައި ކާޑިފް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ސްވަންސީ ނުކުންނާނީ އެޓީމުގެ ކެޕްޓަން ގެރީ މޮންކުގެ އިރުޝަދުގެ ދަށުންނެވެ. އޭނާއަށް އެހީތެރިވެދޭނީ، އެޓީމުގެ ކުރީގެ އެޓޭކިން ލެޖެންޑް އެލަން ކާޓިސް އެވެ.

ލޯޑްރަޕް، ސްވާންސީގެ ކޯޗުކަމުން ދުރުކޮށްފައި މިވަނީ، އޭނާގެ މުސްތަގުބަލާ ދޭތެރޭގައި ކްލަބުގެ ބޯޑުގައި މަޝްވަރާކުރެވުނުކަމަށް ދެކެވުނު ވާހަކަތައް ޗެއާމަން ހޫ ޖެންކިސް ދޮގުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

"މިއީ އަހަރެމެން ވަރަށް އުނދަގުލުން ނިންމި ނިންމުމެއް،" ކްލަބުގެ ވެބްސައިޓަށް ޖެންކިސް ވިދާޅުވި އެވެ. "އެކަމަކު މި ނިންމުމަކީ، ސުވަންސީ ފުޓްބޯޅަ ކްލަބާއި ކްލަބުގެ ސަޕޯޓަރުންނަށް އެންމެ ފައިދާވާނޭ ގޮތަށް ބަލާފައި ނިންމި ނިންމުމެއް."

މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ވެސްޓްހެމް އަތުން 2-0 އިން ސުވަންސީ ބަލިވި މެޗަށްފަހު ލޯޑްރަޕް ކޯޗުކަމުން ދުރުކޮށްފާނޭ ކަމަށް އަޑުތައްވަނީ ފެތުރިފަ އެވެ. ސުވަންސީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަމެޗުން ވެސް ބަލިވެފައިވާއިރު އެޓީމު އޮތީ ރެލިގޭޝަނާ އެންމެ ދެ ޕޮއިންޓު ދުރުގަ އެވެ.

ލޯޑްރަޕް ސުވަންސީގެ ކޯޗުކަމާ ހަވާލުވީ، 2012 ވަނަ އަހަރުގެ ޖޫން މަހު، މިހާރު ލިވަޕޫލުގެ ކޯޗު ބްރެންޑަން ރޮޖާސް ސުވަންސީގެ ކޯޗު ކަމުން ދުރުކުރުމުންނެވެ.

ލޯޑްރަޕް ސުވަންސީއަށް ހޯދައިދިން ކާމިޔާބުތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެޓީމަށް ކާމިޔާބު ކުރެވުނު މޭޖާ ޓްރޮފީގެ ގޮތުގައި މިދިޔަ ސީޒަންގައި އެޓިމަށް ލީގު ކަޕް ހޯދައިދިނުމާއި، އަދި އޭގެ ސަބަބުން މިސީޒަންގެ ޔޫރޮޕާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބި، އެ މުބާރާތުގައި ސްޕެއިންގެ ވެލެންސިޔާގެ މައްޗަށް ހޯދި 3-0 ލަނޑުގެ ކާމިޔާބު ހިމެނެ އެވެ.

ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ބުރުގައި މި މަހުގެ ތެރޭގައި ސުވަންސީ ވާދަކުރާނީ އިޓަލީގެ ނަޕޯލީ އާއި އެވެ.

ސުވަންސީގެ ޗެއާމަން ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބުން މިފަދަ އުނދަގޫ ނިންމުމެއް ނިންމި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ލޯޑްރަޕް އެ ކްލަބަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރު އަދާކުރާ ކަމަށް ވެސް ޖެންކިންސް ވިދާޅުވި އެވެ.

މައިކަލް ލޯޑްރަޕް އަކީ، ސްޕެނިޝް ލީގު ޖެހިޖެހިގެން ފަސް ފަހަރު ހޯދުމުގެ ޝަރަފް ލިބިފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ފަސް ފަހަރު ލީގު ކާމިޔާބުކުރީ ދެޓީމެއްގަ އެވެ. އެއީ ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ކުޅެގެންނެވެ.