05 Feb 2014, 15:39
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙަންމަދު ޖަމީލް އަޙްމަދު، ސަޢޫދީ ޢަރަބިއްޔާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޢަބްދުއްރަޙްމާން އަލް ސުދައިސާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މިއޮތް ދީނީ އެއްބައިވަންތަކަމާއި ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
\
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަޢޫދީ ޢަރަބިއްޔާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމެއް ކަމަށާއި ޢަރަބި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރައްވައި، ގުޅުން ވަރުގަދަ ކުރެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ މުހިންމު ބައެއް ކަމަށް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް، ޑރ. ސުދައިސަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަޢުވަތު އެރުވި އެވެ. އަދި ވަގުތު ހޯއްދަވައިގެން މިދަތުރުފުޅު ކުރައްވާނެ ކަމުގައި ޙަރަމްފުޅުގެ އިމާމު ޑރ. ސުދައިސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނާއިބު ރައީސް ހަރަމްފުޅުގެ އިމާމާ ބައްދަލުކުރެއްވި އިރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގަތެވެ.