ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހްމަދު ތަސްމީން އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި އެވެ. މާދަމާ ޝަރީއަތް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މެންދުރު ފަހު 2:00 ގަ އެވެ.

ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާތީ އޭނާގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެވެ.

ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލއިގައި އޭނާ ވިދާޅުވެފައި ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސިވިލް ކޯޓުން ތަސްމީންގެ މައްޗަށް ކުރި ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމްގެ އަތުން ތަސްމީން ނެންގެވި ފައިސާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ދައްކަވާފައި ނުވާތީ ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް މަދުވެގެން އެ މަހަކަށް ޖެހޭ ވަރު ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި އެ މަހަކަށް ޖެހޭވަރު ނުދައްކާ ހިސާބުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ތަސްމީނަކީ ދަރަނި އަދާކުރަމުން ނުދާ މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ. އެހެންކަމުން ހަ މަސް ފާއިތުވެ އެތަކެއް ދުވަސް ވޭތުވެ ދިޔަ ފަހުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވި ހިސާބުން އަދަބެއް އައުމުގެ ކުރިން ފައިސާ ދެއްކެވުމަކީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި ބުނާ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ހާލަތުގައި ދެމިހުރުމަށް ފަހު އަލުން އިހު ހުރި މެމްބަރުކަމަށް އިންތިޚާބަކާ ނުލައި ރުޖޫއަކުރެވޭނެ ހާލަތެއް ނޫންކަން ދުސްތޫރީގޮތުން އެނގެން އޮންނަ ކަމަށެވެ.

ތަސްމީންގެ މައްޗަށް އުފުލާފައިވާ އެ މައްސައިގެ ޝަރީއަތް މިދިޔަ މަހުގެ 29 ވަނަ ދުވަހަށް ތާވަލް ކުރުމަށް ފަހު މައްސަލަ ހުށަހެޅި ފަރާތުގެ އެދުމުގެ މަތިން މައްސަލަ ވަނީ ކެންސަލްކޮށްފަ އެވެ.