05 Feb 2014, 14:51
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ލ. ގަމު، މަތިމަރަދޫ، މަންދަގޭ، ހަސަން ޔޫސުފް ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމުން އިއްޔެ މިނިވަންވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން ޔޫސުފް ހައްޔަރު ކުރި އިރު ފުލުހުން ބުނެފައި ވަނީ އޭނާއަކީ ލ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މީހެއް ކަމަށެވެ.
ޔޫސުފް އަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު، 2011 ގައި ހުކުމް ކުރި އިރު އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި ވިޔަފާރީގެ ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށެވެ.
ޑްރަގް ކޯޓަށް ފޮނުވާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން ޑްރަގް ކޯޓުން އަންގާ ގޮތެއްގެ މަތިން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރާ މީހުން ގާނޫނުގައި ބުނާ ގޮތުން މިނިވަން ކުރަންޖެހެ އެވެ.
މަސްތުވާތަކެތި ބޭނުން ކުރުމުގެ ދާއިރާއަށް ޝަރުތު ހަމަވާ މީހުންގެ މައްސަލަތައް ޑްރަގް ކޯޓަށް ހުށަހެޅޭނެ އެވެ. ޔޫސުފްގެ މައްސަލައަކީ ވެސް އެގޮތަށް ޑްރަގް ކޯޓަށް ފޮނުވާފައި އޮތް މައްސަލައެކެވެ.