05 Feb 2014, 14:05
މާފަންނު ފިހާރައެއްގައި އިން އަންހެން ސޭޓެއްގެ ގައިގާ ކަޓަރު އެޅުމަށް ފަހު ފިލަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު މާފަންނު ޝަހީދު އަލީ ހިނގުމުގައި ހުންނަ ކަންމަތީ ފިހާރައެއް ކަމުގައިވާ "މަޑިހާ މާޓް"ގަ އެވެ.
މަޑިހާ މާޓަށް ދެ މީހަކު ވަދެ އެ ފިހާރައިގައި އިން އަންހެން ސޭޓަށް ބިރު ދެއްކުމުން ސޭޓު ވަނީ ފައިސާ ދިނުމަށް އިންކާރުކޮށްފަ އެވެ. ފައިސާ ދިނުމަށް އިންކާރު ކުރުމުން ފޭރެން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ވަނީ ސޭޓުގެ އަތުގައި ކަޓަރު އަޅައިފަ އެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ފިހާރައިގައި އިން އަންހެން ސޭޓް، ހަޅޭލަވަން ފެށުމުން، އެ އެ ސަރަހައްދުން ސައިކަލުގައި ދުއްވާފައި ދިޔަ މީހަކު ވަނީ ފިހާރައަށް ވަދެ، ފޭރެން އުޅުނު އެކަކު ހިފަހައްޓާފަ އެވެ. އަދި އޭނާ ހިފެހެއްޓުމުން އެ ސަރަހައްދުގައި ތިބި ބަޔަކު ފޭރެން އުޅުނު މީހާގެ ގައިގައި "ތެޅި" ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުންޏެވެ.
ހަމަލާގައި އަންހެން ސޭޓަށް މާބޮޑެތި ސީރިއަސް ޒަހަމްތަކެއް ނުލިބެ އެވެ. މިދިޔަ ހަފްތާ އާއި މި ހަފްތާގެ ތެރޭގައި މާލޭގައި ވަނީ މާރާމާރީ އާއި ވަޅި ހެރުމުގެ ހާދިސާތަކުގައި ހަ މީހަކު ޒަހަމްވެފަ އެވެ. މިދިޔަ ހޯމަ ދުވަހު ރޭ މާލޭގެ ތިން ސަރަހައްދެއްގައި ދެ މީހަކާއި ކުޑަކުއްޖަކަށް ވަޅިން ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅި ޖަހައި ޒަހަމްކޮށްލާފައިވާއިރު، މިދިޔަ ހޯމަ ދުވަހު ވަނީ ހެންވޭރު އަޑި ޕާކުގައި މީހެއްގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖަހައި ޒަހަމްކޮށްލާފަ އެވެ.