ލ. ގަމުގައި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު، އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.


އެކްސިޑެންޓް ހިނގީ ގަމު ސިނާއި މަގުން ބާރު ސްޕީޑްގައި ދެ ސައިކަލު ދުއްވާފައި ދަނިކޮށް އެރަށު ޕޮލިސް ސްޓޭޝަން ކައިރިން ރޭގަ އެވެ. އެކްސިޑެންތްގައި ޒަހަމްވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ މިއަދު މެންދުރު 12:30 ހާއިރު އެވެ.


ފުލުހުން ބުނީ ރޭ އިރާކޮޅު ހިނގި އެކްސިޑެންޓެއްގައި އަނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ މީހަކާއި އަދި ލައިސަންސް ނެތި ސައިކަލް ދުއްވި އުމުރުން 18 އަހަރުގެ ކުއްޖަކަށް ކަމަށެވެ. އޭގެ ތެރެއިން އުމުރުން 32 އަހަރުގެ މީހާގެ ބޯ ފަޅައިގެން ގޮސް އަނގަ އާއި ނޭފަތުން ލޭ އަންނަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ސައިކަލް ދުއްވަން އިން 18 އަހަރުގެ ކުއްޖާގެ ގައިގެ ތަންތަން ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުންގެ ބުންޏެވެ.


މިއަދު މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެމީހުންނާ ބެހޭ ގޮތުން އައިޖީއެމްއެޗުން އެއްވެސް މައުލޫމާތެއް ނުލިބުނެވެ.


ފުލުހުން  ބުނީ މި އެކްސިޑެންޓް ހިނގި އިރު 18 އަހަރުގެ ކުއްޖާ ދުއްވި ސައިކަލު ފަހަތުގައި އިން އެހެން ފިރިހެން ކުއްޖަކަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އޭނާ މާލެ ގެނެސްފައެއް ނުވެ އެވެ. އޭނާއަށް ގަމުގެ ރީޖަނަލް ހޮސްޕިޓަލުގައި އަންނީ ފަރުވާ ދެމުންނެވެ.


އެ އެކްސިޑެންޓްގައި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ އެވެ.