05 Feb 2014, 13:18
ފޭދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.
ބުރަކައްޓަށް ވަޅި ހެރުމާ ގުޅިގެން ކޮލަންބޯގައި ފަރުވާ ހޯއްދަވަމުން ގެންދަވާ އަލްހާން އާއިލާގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް ބުނެ އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމާފައިވާ ނިންމުން ގަބޫލްފުޅު ނުކުރައްވާ ކަމަށެވެ. އަދި މާލެ ވަޑައިގެނެވުނުހާ އަވަހަކަށް އެމްޑީޕީގެ އެ ނިންމުން ސިވިލް ކޯޓަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރައްވަން ނިންމެވީ އެމްޑީޕީން ވަކި ބަޔަކު ބޭނުންވާ ގޮތަށް ނިންމުންތައް ނިންމަމުން ގެންދާތީ ކަމަށެވެ.
"އެމްޑީޕީގެ ނިންމުންތައް ނިންމަމުން ގެންދަނީ މިހާރު އެންމެ އިންސާފުވެރިކޮށް ކަމަކަށް އަޅުގަނޑު ނުދެކެން، އެހެންވެ އަމިއްލަ ގޮތުން މިދާއިރާއަށް ކުރިމަތިލާން އެ ނިންމީ، ވަކި ބަޔަކު ބޭނުން ގޮތަކަށް މިހާރު ޕާޓީގެ ނިންމުންތައް ނިންމަމުން ގެންދަނީ އެބައެއްގެ ނުފޫޒުން ކަމަށް ބޭބެ ދެކެވަޑައިގަންނަވަނީ،" އަލްހާންއާ ހަވާލާދީ އާއިލާ މެމްބަރަކު ވިދާޅުވި އެވެ.
ޕްރައިމަރީގެ ނަތީޖާ އެމްޑީޕީން ބާތިލު ނުކުރަން ނިންމިއިރު، އެ ޕްރައިމަރީގެ ކަންތައްތައް ކުރިއަށް ދިޔައީ އިންސާފުވެރިކަމާ އެކު ނޫން ކަމަށް އެ ދާއިރާގެ ގޮފިން ބަޔާނެއް ވެސް ނެރެފައިވަނިކޮށް ކަމަށް އަލްހާން ވިދާޅުވި އެވެ.
އެ ދާއިރާގެ ނަތީޖާ ބާތިލް ނުކުރާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފައިވާއިރު އެ ޕާޓީން ކުރިން ބުނީ އެ ދާއިރާގައި ވޯޓްލި ލިސްޓަކީ ބާތިލް ލިސްޓެއް ކަމަށް ބަލައި އެ ދާއިރާގެ ނަތީޖާ ބާތިލްކޮށް، އަލުން އިންތިހާބް ބޭއްވުމާ މެދު ވިސްނަމުން ގެންދާ ކަމަށެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނީ ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު އެވެ. ނިހާދު އަށް އެ ދާއިރާ އިން ލިބިވަޑައިގެންފައި ވަނީ 316 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަހުމަދު މިރުޖާދު އަށް ލިބިވަޑައިގަތީ 186 ވޯޓެވެ. އަދި އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
އަންނަ މަހު 22 ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަވާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހަށެވެ. ވަޅީގެ ހަމަލާގައި ލައްކާއިން ފަރުވާ ހޯއްދަވަމުން ގެންދަވާ އަލްހާންގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާއި ކެމްޕޭންގެ އިދާރީ ކަންކަން ކުރައްވާނީ އޭނާގެ ކެމްޕޭން އެޖެންޓެވެ.