05 Feb 2014, 12:57
އޭސީ މިލާންގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ، އަންނަ ސީޒަނަށް އިނގިރޭސި ވިލާތުގެ އާސެނަލްއަށް ގެންނަން އެހީތެރިވުމަށް "ޕޫމާ" އިން ތައްޔާރަށް އޮތްކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އާސެނަލްގެ ކިޓް ސްޕޮންސަރެއްގެ ގޮތުގައި މުޅިން އަލަށް އަންނަ ސީޒަނުން ފެށިގެން ފެނިގެންދާނެ "ޕޫމާ" އަކީ ބަލޮޓެލީގެ ބޫޓު ވެސް ސްޕޮންސާ ކޮށްފައިވާ ބްރޭންޑް އެވެ.
ކުޅިވަރުގެ ސާމާނު އުފައްދާ ބިޔަ ކުންފުންޏެއް ކަމަށްވާ ޕޫމާ އާއި އެކު މިދިޔަ މަހު އެއްބަސްވުމެއްގައި ސޮކޮށްފައިވާ އާސެނަލްއިން ވަނީ، ސަމާ ޓްރާންސްފާގައި ބަލޮޓެލީ އެޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ، މިލާނުން ބަލޮޓެލީ ދޫކޮށްލަށް ކިޔާ 40 މިލިޔަން ޕައުންޑުގެ ފީގެ ބޮޑު ކަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން، މެންޗެސްޓާ ސިޓީއަށް ވެސް ކުރިން ކުޅުނު އިޓަލީ ފޯވާޑް ގެނައުމަށް އާސެނަލްއަށް ދިމާވެފައިވާ މާލީ ދަތިކަމަށް ޕޫމާއިން ހައްލެއް ހޯދައިދޭނެ އެވެ. އެގޮތުން ބަލޮޓެލީގެ ޓްރާންސްފާ ފީއަށް 15 މިލިޔަން ޕައުންޑުގެ އެހީއެއް ދީގެން ނަމަވެސް އޭނާ އާސެނަލްއަށް ގެނެސްދިނުމަށް ޕޫމާއިން އޮތީ ތައްޔާރަށެވެ.
މިހާރު އުމުރުން 23 އަހަރުގެ ބަލޮޓެލީ ވަނީ މެންޗެސްޓާ ސިޓީ އިން މިލާނަށް ބަދަލުވި ފަހުން އެޓީމަށް އޭނާ ކުޅުނު 38 މެޗުގައި 25 ލަނޑު ޖަހައިދީފަ އެވެ.