ސްވިޑަން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ޖަހައިދިން ދެ ލަނޑާ އެކު ނާންޓެސް އެޓްލާންޓީކް 2-1 ބަލިކޮށް ފްރާންސް ލީގް ކަޕްގެ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފި އެވެ.

ނަންޓެސްގެ ދަނޑުގައި 35714 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު އެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޕީއެސްޖީ އެވެ. ޕީއެސްޖީއަށް އެ ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ ފަސް ވަނަ މިނެޓުގައި ނަންޓެސްގެ ގޯލް ކީޕަރު ސާފުކޮށްލަން އުޅުނު ބޯޅައެއް ފޮނުވާނުލެވިގެން އުޅެނިކޮށް ލިބުނު ފުރުސަތެއްގައި އިބްރަހަމޮވިޗް އެވެ.

މެޗުގައި ނަންޓެސްގެ ސަޕޯރުންނަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ މެޗްގެ 81 ވަނަ މިނެޓުގައި ސާޖް ގަކްޕޭ ނަގައިދިން ހުރަހަކުން އޮލިވިއޭ ވެގްނޫ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށް ދިނުމުންނެވެ.

ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ޕީއެސްޖީއަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން އެ ކްލަބުގެ ހުނަރުވެރި ފޯވާޑް އިބްރަހަމޮވިޗް ވަނީ ނަންޓެސް އަށް ލިބުނު ހިތްހަމަޖެހުމަށް ނިމުމެއް ގެނެސްދިނީ ޕީއެސްޖީއަށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

ފްރާންސް ލީގު ކަޕްގެ ފައިނަލުގައި ޕީއެސްޖީއާ ވާދަކުރާނީ، ފްރާސް ލީގް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ ލިޔޯން އާއި ޓްރޯޔެސް މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ފްރާސް ލީގް ކަޕްގެ ފައިނަލް މެޗް އޮންނާނީ މިއަހަރުގެ އޭޕްރިލް މަހުގެ 19ގަ އެވެ.