05 Feb 2014, 12:27
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ތެރެއިން ވާދަ ކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ މަޝްވަރާ ކުރުމަށް ފަހު އެ ޕާޓީގެ ޖަވާބެއް ނުލިބެނީސް އަދާލަތު ޕާޓީން ވާދަ ކުރާނެ ފަސް ދާއިރާއެއް އެ ޕާޓީން މިއަދު އިއުލާންކޮށްފި އެވެ.
ކޯލިޝަނުގެ ތެރެ އިން އިންތިހާބަށް ނުކުތުމަށް އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު އަދާލަތުން ބޭނުންވި ދާއިރާތައް ނުލިބުމުން މިހާރު މަޝްވަރާ ކުރަނީ ޕީޕީއެމްއާ އެވެ.
އަދާލަތު ޕާޓީން ވާދަ ކުރާނެ ކަމަށް މިއަދު އިއުލާނު ކުރި ފަސް ދާއިރާއަކީ މަކުނުދޫ ދާއިރާ އަށް އަނާރާ ނައީމް އާއި ވައިކަރަދޫ ދާއިރާއަށް އައިޝަތު ހަލީލާ އާއި ކޮމަންޑޫ ދާއިރާ އަށް އަހުމަދު ޒާހިރާއި ކާށިދޫ ދާއިރާ އަށް އެ ޕާޓީގެ ކުރީގެ ގާނޫނީ މުޝީރު އަސަދުﷲ ޝާފީ އާއި އައްޑޫ ސިޓީގެ މީދޫ ދާއިރާ އަށް ހިޝާމް އަހުމަދު އެވެ.
މީގެ އިތުރުން ނޮޅިވަރަމް ދާއިރާ އަށް ވާދަ ކުރުމަށް ވެސް އަދާލަތު ޕާޓީން ނިންމާފައިވާ ކަމަށާއި ނަމަވެސް ކެންޑިޑޭޓަކު ހަމަނުޖައްސާ ކަމަށް އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ޒާހިރު ވިދާޅުވީ ރަސްމީކޮށް ބައްދަލުވުމެއް ނުބޭއްވި ނަމަވެސް އަދާލަތު ޕާޓީން ބޭނުންވާ ގޮތް ޕީޕީއެމް އަށް އަންގާފައިވާނެ ކަމަށާއި މިހާރު ހަމައެކަނި އޮތީ ޕީޕީއެމް އިން ޖަވާބެއް ދިނުން ކަމަށެވެ.
"އަދާލަތު ޕާޓީން ފެށުނީއްސުރެ މަސައްކަތް ކުރަމުންދިޔައީ ގުޅިގެން ނުވަތަ ފުށުއެރުންތަކެއް ނުވާ ގޮތަށް ކެންޑިޑޭޓުން (ދާއިރާތަކަށް) ނެރުމަށްޓަކައި. އަޅުގަނޑުމެން އަދިވެސް މި ތިބީ ޕީޕީއެމްގެ ޖަވާބެއްގެ އިންތިޒާރުގައި،" އޭނާ ވިދާޅުވި އެވެ. "ޕީޕީއެމުން އަދިވެސް އަޅުގަނޑުމެނަށް އެދެވޭ ޖަވާބެއް ނުދެއްވާތީ ޕީޕީއެމްގެ އިންތިޒާރުގައި ތިބި ވާހަކަ ދަންނަވާލަން."
އަލީ ޒާހިރު ވިދާޅުވީ ކޯލިޝަނުގެ ބޭރުން ވަކިން ބައެއް ދާއިރާތަކަށް ވާދަ ކުރުމަށް ނިންމި ނަމަވެސް ކޯލިޝަނަށް އޭގެ ސަބަބުން ގެއްލުން ނުވާނެ ކަމަށާއި އަދާލަތަށް މަޖިލީހުގެ ގޮނޑިތައް ކާމިޔާބުވެއްޖެ ނަމަ އެކަންވެގެންދާނީ ކޯލިޝަނަށް ލިބޭ ބޮޑު ކާމިޔާބީއަކަށް ކަމަށެވެ.