ސިވިލް ސާވިސްގެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ވާދަކުރުމުގެ ކުރިން އެމަގާމަކުން އިސްތިއުފާދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.

ސިވިލް ސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)ގައި މަގާމުން އިސްތިއުފާ ނުދީ ހުރެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާންމު އިންތިހާބުތަކަށް ކުރިމަތިލައިފި ނަމަ، ވަޒީފާ އިން ވަކިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ސީއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ މުވައްޒަފެއް މަގާމުން އިސްތިއުފާ ދިނުމަށް ސާކިއުލާ ނޯޓަކުން ސަރުކާރުގެ މަސްއޫލު އޮފީސްތަކަށާއި ކައުންސިލްގެ އިދާރާތަކަށް އިއްޔެ އަންގައިފަ އެވެ.

"ސިވިލް ސަވިސްގެ މުވައްޒަފެއް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ ހިނދު، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާންމު އިންތިހާބުތަކުގައި ބައިވެރިވުމަކީ ސިވިލް ސާވިސްގެ މަގުސަދު ހާސިލްނުވެ ހިނގައިދާނެ ކަމެއް. ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާ ބައެއް ކަމުގެ ތަސައްވުރު، ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށްވާތީ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ ހިނދު، އާންމު އިންތިހާބުތަކަށް ކުރިމަތިލުމަކީ ސިވިލް ސާވިސްގެ ގާނޫނު ޖާގަދޭ ކަމެއް ނޫން،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.

ސީއެސްސީގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަބްދުއްނާސިރު ސަފީއު މިއަދު ވިދާޅުވީ އެގޮތަށް އެންގީ ބައެއް މިނިސްޓަރީތަކުންނާއި އަމިއްލަ ގޮތުން ބައެއް ފަރާތްތަކުން އެކަމާ މެދު ކަންކުރާނެ ގޮތަކާ މެދު މަޝްވަރާކޮށްފައި ވާތީ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅައިފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގައި މި އޮންނަނީ އާއްމު އިންތިހާބެއްގެ ވާހަކަ، ޕްރައިމަރީއަކީ ވެސް އާއްމު އިންތިހާބެއް، ނަމަވެސް އެކަން ގާނޫނުގައި އިންޑިކޭޓްކޮށްފައެއް ނުވޭ. އެހެންވެ ގާނޫނުގައި ބުނެފައިވާ ފަދަ އިންތިހާބެއްގައި ވާދަކޮށްފި ނަމަ ފިޔަވަޅު މިއެޅޭނީ، މަޖިލިސް އިންތިހާބުތަކުގައި ވާދަކުރާ ފަރާތްތައް އިލެކްޝަނުން އަދި އިޢުލާންކޮށްފައި ނުވާތީ އެފަދަ ފަރާތެއް ހިމެނޭ ކަމެއް ވެސް ނޫން ކަމެއް ވެސް ނޭނގޭ،" ނާސިރު ވިދާޅުވި އެވެ.

ސީއެސްސީން ބުނީ މަގާމުން އިސްތިއުފާނުދީ ހުރެ އިންތިހާބަށް ކުރިމަތިލައިފި ނަމަ ސިވިލް ސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތިން އެ މުވައްޒަފު ވަޒީފާ އިން ވަކިކުރެވޭނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށެވެ.