05 Feb 2014, 11:07
ރާއްޖޭގެ އެއް ވަނަ ވެބްސައިޓު އަދި އޮންލައިން ނޫހަކީ މިހާރު ސަން އޮންލައިން ކަމަށް ދުނިޔޭގެ ވެބްސައިޓްތައް ރޭންކް ކުރާ ބައިނަލް އަގުވާމީ އޭޖެންސީ، އެމެރިކާގެ އެލެކްސާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖެ އިން މީހުން ވެބްސައިޓުތަކަށް ވަންނަ ނިސްބަތަށް ބަލައި، އެލެކްސާ އިން ސައިޓުތައް ރޭންކް ކޮށްފައިވާ އިރު، އެ ރޭންކިންގެ އެއް ވަނަ މަގާމު މިހާރު ލިބިފައި ވަނީ ސަން އޮންލައިނަށެވެ.
މީގެ އެއްމަސް ދުވަސް ކުރީން، މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެލެކްސާ އިން ހާމަކޮށްފައިވާ ގޮތުގައި އޭރު ސަން އޮންލައިން އޮތީ ދިވެހި ސައިޓުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓުގެ ގޮތުގަ އެވެ. އެއް ވަނަ މަގާމުގައި އޮތީ ހަވީރު އޮންލައިން އެވެ. އޭރު ރާއްޖޭގެ ރޭންކިންގެ ގޮތުން ސަން އޮންލައިން އޮތީ ފަސް ވަނައިގަ އެވެ.
ސަން އޮންލައިންގެ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އެވްރެޖްކޮށް ދެ މިލިއަނެއްހާ ވިޒިޓްސް މަހަކު ސައިޓަށް ލިބެ އެވެ. އަދި ސައިޓަށް ވިޒިޓް ކުރާ ކޮންމެ މީހަކު 10 މިނެޓާއި 15 މިނެޓާ ދެމެދުގެ އަދަދެއްގެ ވަގުތު ސައިޓުގައި ހޭދަ ކުރެ އެވެ. އަލަށް ސަން އަށް ވަންނަ މީހުންގެ ނިސްބަތް މިހާރު ހުރީ ގާތްގަނޑަކަށް ހަތް ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.
ސަން އަށް ރާއްޖެ އިން ބޭރުން މީހުން ވަންނަ ނިސްބަތަށް ބަލާ އިރު، އެންމެ ގިނަ މީހުން ވަންނަ ފުރަތަމަ ފަސް ގައުމަކީ ސްރީލަންކާ، އިންޑިއާ، މެލޭޝިއާ، އެމެރިކާ އަދި އިނގެރޭސި ވިލާތެވެ.
ގޫގުލް އެނާލެޓިކްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ސަން އަށް އެންމެ ގިނަ މީހުން ވަންނަނީ ޑެސްކްޓޮޕް ޕީސީތަކުންނެވެ. ދެވަނަ އަށް މޯބައިލް ފޯނުތަކުން އަދި ތިން ވަނަ އަށް ޓެބްލެޓު ތަކުންނެވެ.
މީގެ ދޮޅު އަހަރު ކުރީން އެލެކްސާ އިން ސަން އޮންލައިން ރޭންކް ކޮށްފައި ވަނީ މިއަށް ވުރެ 30 ދަރަޖަ ފަހަތުގަ އެވެ. އެހެން ކަމުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަން އޮންލައިނުން މި ވަނީ ކިޔުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދައިފަ އެވެ. ސަންގެ ނިއުސް ޓީމުން ވަނީ މިދިޔަ މުއްދަތުގެ ތެރޭގައި ހިނގި މުހިންމު ބޮޑެތި ހާދިސާތަކުގެ ޚަބަރާއި މައުލޫމާތު އެންމެ އަވަހަށް ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން ސަންގެ "ބްރޭކިން ނިއުސް" ނުވަތަ "ކުއްލި ޚަބަރު" މިއަދު ވެފައި ވަނީ ކިޔުންތެރީންގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށެވެ.
ސަންގެ ސީއީއޯ ސިނާން ޢަލީ މިއަދު ވިދާޅުވީ ދުނިޔޭގެ ވެބްސައިޓުތައް ރޭންކު ކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެލެކްސާ އިން ރާއްޖެ އިން އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓުގެ ގޮތުގައި ސަން ރޭންކް ކުރުމުން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި އޮންލައިން ނޫސްވެރިކަމުގެ މާހައުލު އޮތީ ވަރަށް ވާދަވެރިކޮށް ކަމަށެވެ.
"މުއާސަލާތުގެ ނިޒާމަށް މިދިޔަ މުއްދަތުގެ ތެރޭގައި އައި ބޮޑު ކުރިއެރުމާ އެކު ނޫސްވެރިކަމަށް ވެސް މި އޮތީ ވަރަށް ބޮޑު އިންގިލާބެއް އައިސްފައި. ނޫސްވެރިކަމުގެ ދުވެލި އަވަސްވެ، ތާޒާކަމާ އެކު އަވަހަށް ޚަބަރު ފޯރުކޮށްދިނުމާއި ލިބިގަތުމުގެ ފުރުސަތު މިއަދު އެންމެ ފަސޭހައިން ލިއްބައިދޭ ވަސީލަތަކީ އޮންލައިން ނޫސްތައް. އެހެން ނަމަވެސް އޮންލައިން ނޫސްވެރިކަމުގައި ވާދަވެރީންނަށް އޮންނަ ފުރުސަތު ވެސް ވަރަށް ބޮޑު،" ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ އޮންލައިން ނޫސްވެރިކަމުގެ އެންމެ ބޮޑު ޗެލެންޖަކީ އެކަމަށް ހޭދަ ކުރާން ޖެހޭ ވަގުތު އިތުރުވުން ކަމަށެވެ. އެ ގޮތުން ކިޔުންތެރީން އެދޭ ފެންވަރުގައި، އަވަހަށް ޚަބަރު ގެނެސްދޭ ނޫހެއްގެ ގޮތުގައި ދެމިއޮތުމަށް ސަންގެ ނިއުސްޓީމް 24 ގަޑި އިރު ޚަބަރަށް ފާރަވެރިވެ ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަންގެ ވެބްސައިޓު އެކި ގޮތްގޮތުން ތަރައްގީ ކޮށް، ނިއު މީޑިއާގެ ތަރައްގީގެ ދުވެއްޔަށް ފައި ހަމަ ކުރުމަށް ސަންގެ ވެބް ޑިވެލޮޕްމެންޓު ޓީމާއި އައިޓީ ޓީމް އަދި ސޮފްޓްވެއާ ޑިވެލޮޕްމެންޓް ޓީމު ގުޅިގެން ޚާއްސަ އިތުރު މަސައްކަތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ވެސް ވަރަށް އަވަހަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ ސަން އަށް ކުރު މުއްދަތެއްގެ ތެރޭގައި މި ހޯދުނު ކާމިޔާބީގެ އަސްލަކީ ބުރަ ހިތްވަރާ އެކު ރެޔާއި ދުވާލު ސަން ޓީމުން ކުރި މަސައްކަތް ކަމަށެވެ. ވަކީން ޚާއްސަ ގޮތެއްގައި ސަންގެ ނިއުސް ޓީމުން ކުރަމުން އަންނަ މަސައްކަތް ވަރަށް ޝުކުރުވެރިކަމާ އެކު ފާހަގަ ކުރައްވާ ކަމަށް ހިރިގާ ވިދާޅުވި އެވެ.
ހިރިގާ ވެސް ވިދާޅުވީ އޮންލައިން ނޫސްވެރިކަން ފެންނަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި އެއްވަނަ ދަރަޖައިގައި ދެމި އޮތުމަށް ކުރަން ޖެހޭނެ މަސައްކަތް ގިނަ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި އެއްވަނަ މަގާމުގައި މި ވަގުތު ސަން އޮތަސް އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ވާދަވެރިޔާ އާއި މާ ބޮޑު ފަރަގެއް ނެތް. އެހެން ކަމުން މި އެއްވަނަ ދެވަނަ، ފުރޮޅެމުން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް." ހިރިގާ ވިދާޅުވި އެވެ.