15 Dec 2010, 14:34
މޫސުމީ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކަށް އެހީވުމަށް ގާއިމްކުރާ ބައިނަލްއަގްވާމީ ފަންޑު ހިންގުމުގައި ރާއްޖެއަށް ބަސް ބުނެވޭނެ ގޮތަކަށް ކަންތައް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމުގައި މިނިސްޓާ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މޫސުމީ ބަދަލުތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް މެކްސިކޯގެ ކަންކޫންގައި ބޭއްވި އދ. ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 16 ވަނަ ބައްދަލުވުން ނުވަތަ ކޮޕް 16 ސަމިޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓާ އަސްލަމް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާވެފައިވާ ގައުމުތަކަށް އެހީވުމަށް ގާއިމްކުރަން ޖެހޭ "ގްރީން ކްލައިމެންޓް ފަންޑް" ގެ އޮނިގަނޑު ރާވާނެ ގޮތެއް ކަނޑައެޅުމަށް ޓްރާންސިޝަނަލް ކޮމިޓީއެއް އުފައްދަން ކަންކޫން ސަމިޓުގައި ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.
އަދި އެ ފަންޑު އޮޕަރޭޝަނަލައިޒްކުރުމުގައި ކުދި ޖަޒީރާ ގައުމުތަކުން ވެސް ތަމްސީލުކުރާނެ ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެ މަސައްކަތުގައި ރާއްޖޭގެ ބަހެއް ވެސް ހިމުނެމަށް މަސައްކަތްކުރާނެ ކަމަށެވެ.
"ޚާއްސަކޮށް ކްލައިމެޓް ޗޭންޖް ކަންތަކުގައި ދުނިޔޭގެ ތަރައްގީވެފައި ހުރި ގައުމުތަކުން އަދި ކުދި ޖަޒީރާ ގައުމުތަކުން ވެސް ގަބޫލުކުރޭ ހަމަ ޔަގީނުންވެސް ދިވެހިރާއްޖެ މިކަމުގައި އަދާކުރާ އިސް ދައުރު. އެހެންވީމަ، މަސައްކަތްކުރާނަން އަޅުގަނޑުމެންނަށް މިކަމުގައި ބަހެއް ބުނެވޭނެ ކަހަލަ ގޮތަކަށް ކަންތައްތައް ނިމިގެންދާއިރު އޮތުމަށް." ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަސްލަމް ވިދާޅުވި އެވެ.
މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ކޮޕް 15 ސަމިޓުގައި ބައިވެރިވި ގައުމުތަކުން ގާއިމްކުރަން ނިންމާފައިވާ ގްރީން ކްލައިމެންޓް ފަންޑުގެ ދަށުން މޫސުމީ ގޮތުން ނުރައްކާވެފައިވާ ގައުމުތަކަށް އެހީވުމަށް މިއަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް 30 ބިލިއަން ޑޮލަރު ދޭން ޖެހޭއިރު، 2020 އަހަރުގެ ނިޔަލަށް، ކޮންމެ އަހަރަކަށް 100 ބިލިއަން ޑޮލަރުގެ އެހީދޭން ޖެހެ އެވެ.
އެ ފަންޑުގެ އޮނިގަނޑު ތައްޔާރުކުރާ ވަގުތީ ކޮމިޓީގައި ތަރައްގީވެފައިވާ ގައުމުތަކުން 15 މެމްބަރުންނާއި، ފަގީރު ގައުމުތަކުން 25 މެމްބަރުން ހިމެނުމަށް ނިންމާފައި ވެއެވެ. އަދި ފަންޑު ހިންގާ ބަލަހައްޓާނީ 24 މެމްބަރުންގެ ބޯޑަކުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ވަގުތީ ޓްރަސްޓީއަކަށް ވޯލްޑް ބޭންކް ހެދުމަށް ގައުމުތަކުން ވަނީ ހުށަހަޅައިފަ އެވެ.
ކަންކޫން މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވި ގޮތުގައި، މޫސުމީ ފަންޑާއި އަދި އެ ފަންޑު ހިންގާ ބޯޑުގެ ވާހަކަ ކަންކޫން ކަރުދާހުގައި ފާހަގަކޮށްފައިވަނީ، ރާއްޖެ ވަރަށް މުހިންމު ރޯލެއް އަދާކޮށްގެން ނެވެ. އެހެންކަމުން ކްލައިމެޓް ފަންޑް ބޯޑު އެކުލަވާލުމުގައި ރާއްޖޭގެ އަޑު ވަރަށް ބޮޑަށް އިވިގެންދާނެ ކަމުގައި ޝައުނާ ވިދާޅުވި އެވެ.
"އެއޮސިސް [ކުދި ޖަޒީރާ ރަށްތަކުން އުފައްދާފައިވާ އެލައަންސް] ތެރޭގައި ޑިމޮކްރެޓިކް އުސޫލްތަކުގެ މަތިން ހޮވޭ ގޮތަކަށް މިކަންތައް އަންނާނީ. އެހެންވީމަ، އަޅުގަނޑުމެންގެ ބަސް ވަރަށް ބޮޑަށް އިވިގެން އެ ބޯޑެއް އުފެދިގެން އަންނާނީ،" ޝައުނާ ވިދާޅުވި އެވެ.
ކަންކޫންގައި ބޭއްވި ސަމިޓުން ނިންމާފައިވަނީ އަންނަ އަހަރު ސައުތު އެފްރިކާގެ ޑާބަންގައި ބާއްވައި ކޮޕް 17 ސަމިޓުގައި ކްލައިމެޓް ފަންޑު ހިންގާނެ ވަގުތީ ކޮމޮޓީ ފާސްކުރުމަށެވެ. ނަމަވެސް، އެކޮމިޓީގައި ރާއްޖެ ބައިވެރިވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓާ ވިދާޅެއް ނުވެ އެވެ.
ނިމިދިޔަ މޫސުމީ ބޮޑު ދެ ސަމިޓުގައި ވެސް، ޤާނޫނީ ގޮތުން އަމަލުކުރުން ގައުމުތަކަށް ލާޒިމްވާ އެއްބަސްވުމެއް ގާއިމްކުރެވިފައިނުވާކަން ފާހަގަކުރައްވައި މިއަދުގެ ނިއުސް ކޮންފަރެންސްގައި މިނިސްޓާ އަސްލަމް އިތުރަށް ވިދާޅުވީ، ކޮޕް 17 ސަމިޓުގައި އެފަދަ އެއްބަސްވުމެއް ގާއިމްކުރުމަށް ރާއްޖެއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.