19:00


ތަފާތު ޚިޔާލުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވުމަކުން މަޖިލީހުގެ މަސައްކަތް ހުއްޓާލަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލަފައާއި އިރުޝާދުގެ ދަށުން މެނުވީ މަސައްކަތް ކުރައްވަމުން ގެންދަވާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ޓޭބަލް ކުރުމުގައި މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީގައި ވަނީ، މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރެއްވި ދުވަހުން ފެށިގެން މިހާތަނަށް ވެސް މަސައްކަތް ކުރައްވާފައި ވާނީ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ފަރާތްޕުޅުންނާއި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން މަޖިލީހުގެ މަސައްކަތުގައި ލިބިވަޑައިގަންނަވާނެ ކަމުގައި ޔަގީންކުރައްވާ ކަމުގައިވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި، އެމްޑީޕީގެ ދެ މެމްބަރުންނަށް ދިން ހަމަލާ ތަހުގީގު ކޮށްދެއްވައި، އެފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ރައްކާތެރި އަމާން މާހައުލެއް ގާއިމް ކޮށްދެއްވުމަށް މޫސާ މަނިކުގެ ސިޓީގައި އެދި ވަޑައިގެންފައިވާތީ، މަޖިލީހުގެ ރައީސް ދެއްވި ޖަވާބުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ހިނގައިދިޔަ ކަންތައްތައް ތަހްގީޤް ކޮށްދެއްވުމަށް ހަމަ އެހިނދުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ދަންނަވައި، އެފަރާތުން އެކަން ކުރައްވަމުންގެންދަވާ ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ޖަލްސާގައި ހނގައިދިޔަ ކަންތައްތަކަކީ މަޖިލީހުގެ ޖަލްސާއަކުން ފެނިގެންވާނެ ކަންތައްތަކެއް ނޫންކަމުގައި ގަބޫލު ކުރައްވާ ކަމުގައި ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.


މޫސާ މަނިކު ފޮނުއްވާފައިވާ ސިޓީގައި އަދި ވިދާޅުވެފައި ވަނީ، އޮޑިޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްގެންދެވޭނީ މަޖިލީހުގެ ރައީސް ވެސް ގަވާއިދާ އެއްގޮތަށް މައްސަލަތައް ޓޭބަލްކުރުމުން ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ގައުމުގެ މަސްލަހަތަށްޓަކައި މުހިންމު ކަމެއް ކަމަށާއި، ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް އަތް އިސްކުރުމަކީ އެ ޕާޓީ ދުވަހަކު ވެސް ގަބޫލުކުރާނޭ، އަދި ތަރުހީބު ދޭނެ ކަމެއް ނޫން ކަން ވެސް  އެސިޓީގައިވެ އެވެ.