05 Feb 2014, 09:28
ތެހެރާން (ފެބްރުއަރީ 5): އީރާނުގެ ނިއުކްލިއާ މައްސަލަ ޙައްލުކުރުމާބެހޭ ގޮތުން ހުޅަނގުގެ ބާރުތަކާއެކު ދާއިމީ އެއްބަސްވުމަކަށް އާދެ ވޭނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނިމުމަކަށް ގެނައުމުން ކަމަށް އީރާންގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދުޒަރީފް ވިދާޅުވެއްޖެ އެވެ.
އީރާނަށް ވަޑައިގެން އުޅުއްވާ ސްވިޑްންގެ ޚާރިޖީ ވަޒީރު ކާލް ބިލްޓްއާތެހެރާންގައި ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އީރާނުގެ ނިއުކްލިއާ މައްސަލަ ޙައްލުކުރުމާބެހޭ ގޮތުން ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު މިހާރު ކުރިޔަށްދާ މަޝްވަރާތައް އަމާޒު ކުރެވިފައި ވަނީ އެކަމާ ބެހޭ ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށް ކަމަށާއި އީރާނާ ދެކޮޅަށް ހުޅަނގުންނާއި އދ. ން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނިމުމަކަށް ގެނަސްގެންނޫނީ މިފަދަ އެއްބަސްވުމަކާ ހަމައަށް ދިޔުމަކީ އީރާނުގެ ގައުމީ މަސްލަޙަތާ ފުށުއަރާނެ ކަމެއް ކަމުގަ އެވެ.
އީރާނުގެ ނިއުކްލިއާ މައްސަލަ ޙައްލުކުރުމުގައި ހަމައެކަނި އެއްބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރެވިގެން ނުވާނެ ކަމަށާ އަދި މިމައްސަލައިގައި ދާއިމީ އެއްބަސްވުމަކަށް އާދެވޭ އިރު ހުޅަނގުގެ ޝަރުތުތަކެކޭ އެއްގޮތަށް އީރާނުގެ ޝަރުޠުތަކަށް ވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވި އެވެ. އީރާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުންނާއި އދ. މެދުވެރިކޮށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލަން ޝަރުޠު ކުރާ މާއްދާއެއް ދާއިމީ އެއްބަސްވުމުގައި ހިމަނަން ޖެހޭނެކަމަށް ވެސް ޒަރީފް ވިދާޅުވި އެވެ.
ހެޔޮ ނިޔަތަކާއި ހިކްމަތްތެރިކަމާ އެކު ދެފަރާތުން މަސައްކަތްކޮށްފި ނަމަ ނިއުކްލިއާ މައްސަލަ ޙައްލުކުރުމާ ބެހޭ އެއްބަސްވުމަކަށް ހަމަސް ދުވަހުގެ ތެރޭގައި އާދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި މިފަދަ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އީރާނުން ދޭނެކަމަށް ޒަރީފް ވިދާޅުވި އެވެ. (ރޮއިޓާސް)