04 Feb 2014, 19:58
މިއަހަރު އަލަށް އަމަލުކުރަން ފަށާފައިވާ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް އަމަލުކުރުން ފަސްކޮށް، އެ އޮނިގަނޑުގައި ހުރިކަމަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކޮށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި ފާހަގަކުރެވޭ މައްސަލަތަކެއް ހުރި ކަމަށާއި އަދި އެ އޮނިގަނޑުގައި ޑޮކްޓަރުންނާއި އެހެނިހެން ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިފައި ވާތީ، އެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް، ކަމާ ބެހޭ ފަރާތްތަކުން ގެންނަވާފައިވާ ކަމަށެވެ.
އެހެންކަމުން އަލަށް އަމަލުކުރަން ފަށާފައިވާ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް އަމަލުކުރުން މިވަގުތަށް މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި ހުރިކަމަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްޓަކައި އެ އޮނިގަނޑަށް ގެންނަވަން ޖެހޭ އިސްލާހުތައް ގެންނެވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.