ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވްސް އެއާޓެކްސީ (އެމްއޭޓީ) ގުޅިގެން އެއްކުންފުންޏެއްގެ ގޮތުގައި ހިދުމަތް ދެމުން އަންނަތާ އެއް އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު އެ ކުންފުނިން އަލަށް ބޭނުންކުރާ ލޯގޯއާއި އެއާކްރާފްޓްގެ ޑިޒައިން ދައްކާލައިފި އެވެ.

ޓީއެއްއޭއާއި އެމްއޭޓީ އެކުގައި މަސައްކަތްކުރަން ފެށީ ދުނިޔޭގެ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް" އެ ދެކުންފުނީގެ މެޖޯރިޓީ ހިއްސާ ގަތުމާގުޅިގެންނެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއި މޯލްޑިވްސް އެއާޓެކްސީ އެއް ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދެކުންފުނި އެކީގައި ހިދުމަތްދޭން ފެށުމުން އެ ކުންފުންޏައް ދީފައިވާ ނަމަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ.

ޓީއެމްއޭގެ ހިދުމަތަށް އެއްއަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓްގަ އެވެ. އެ ރަސްމިއްޔާތުގައި ޓީއެމްއޭ އިން ވަނީ އެ ކުންފުނިން އަލަށް ޑިޒައިންކުރި ލޯގޯ ހިމަނައިގެން އެއާ ކްރާފްޓްގެ ބޭރައް ގެނެސްފައިވާ އާ ޑިޒައިންވެސް ދައްކާލާފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ އެ ދެކުންފުނި ގުޅިގެން އެއްކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމަކީ ޓީއެމްއޭ އަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައެވެ. އަދި ކުރިޔަށް އޮތްތާގައި ޓީއެމްއޭގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.