15 Dec 2010, 12:26
ދިވެހި ލަވައިގެ ދުނިޔޭގައި މިހާރު ފިޔަޖަހާ ތަރިންގެ ތެރެއިން މުހަންމަދު ޝަމްއޫން (ޝަންމު) އަކީ ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެކެވެ. ލަވައިގެ ދުނިޔޭގައި އޭނާގެ އަޑު އަންނަނީ ގަދަވަމުންނެވެ. ޝަންމުގެ ވިދުން ފުރަތަމަ ގަދަވެގެން އައީ މިދިޔަ ރޯދަމަހު ބޭއްވި އެހަނދާނުގެ ޝޯތަކުގެ ތެރެއިންނެވެ. އުމުރުން 22 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ "މަލޭކޭ އެއްފަދަ ނާޒުކު މުނިޔާ..." އެ ލަވައިން ގިނަ ބައެއްގެ ރުހުމާއި ސަމާލުކަން ހޯދާފަ އެވެ.
ޝަންމު ފުރަތަމަ މުބާރާތެއްގައި ލަވައެއް ކިޔާފައި ވަނީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 10 އެއްގައި އުޅެމުން އިންޓަ ހައުސް ސްކޫލް މުބާރާތެއްގަ އެވެ. ނަމަވެސް އޭރު ލަވަ ކިޔަން ޝަންމު އަށް ހުރަހަކަށްވެފައި އޮތީ ލަދު ގަތުމެވެ.
ޝަންމު ބުނި ގޮތުގައި ލަވަކިޔުމުގެ ދާއިރާ އަށް އޭނާ ވައްދައިދިނީ އާއިލާ އާއި ޓީޗަރުންނެވެ. އަދި ބުނީ ލަވަ ކިޔުމުގެ ހުނަރު ހުރިކަން އިހުސާސް ކުރެވުނީ ސްކޫލްގެ ރައިވަރު ކިޔުމުގެ މުބާރާތުގެ ތެރެއިން ކަމަށާއި ނަމަވެސް އާއިލާގެ އެހީތެރި ކަމުގައި ލަވަކިޔުމަށް އޮތް ހުރަހެއް މިހާރު ނެތް ކަމަށެވެ.
‹މިހާރު ހިތަށް އަރާ އެ ބޭންޑާ ޖޮއިން ނުކުރެވުނު ނަމައޭ. ޝަންމުގެ އެއްވެސް ލަވައެއް ޝަންމު ކެނޑިގެން ދިޔަ ދުވަހު ނުދިން. ގޮތަކަށް ބުނަންޏާ ޝަންމުގެ ގައިގެ ކޮޅުފައިންޖެހީ›
މަޖީދިއްޔާ އިންޓަހައުސް މުބާރާތުން ދެވަނަ ލިބި އިންޓަ ސްކޫލް ލަވަ މުބާރާތުގައި ވެސް ޝަންމު ވަނީ ލަވަ ކިޔައި ގަދަ ފަހެއްގައި ހިމެނިފަ އެވެ. އެ މުބާރާތަށް ފަހު ސްކޫލްގައި އުފެއްދި "ޓޮޕް ފައިވް" ބޭންޑާއި ގުޅި، ޝަންމު ފުރަތަމަ ފަހަރަށް އާންމުކޮށް ޕާފޯމް ކޮށްފައިވަނީ "ޓްރެފިކްސް ނައިޓް"ގަ އެވެ.
ޝަންމު ހުރީ އަދި ކިރިޔާ އޭނާއަށް ފަށައި ގެނެވުނީ ކަމަށް ބަލައިގެނެވެ. އޭނާ ބުނާ ގޮތުންނަމަ މި ދާއިރާގައި ކުރިއެރުމަށް ގިނަ މަސައްކަތެއް ކުރުން އަދި އޮތީ އެވެ.
އެހަނދާނުގައި ޝޯ އަށް 2008 ވަނަ އަހަރުވެސް ލަވަކިޔަން ފުރުސަތު ލިބުނު ޝަންމު ބުނި ގޮތުގައި އޭނާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ މިއަހަރުގެ "އެހަނދާނުގައި ޝޯ" ގައި އެނާ މީރާ އާ އެއްކޮށް ކީ ލަވަ އެވެ. އަދި އާންމުން އެ ލަވަ ބަލައިގަތުމެވެ.
އާންމުނަށް ޝަންމު ފެނިލުން ލަސްވީ "ސްކޯޒް އޮފް ފްލެއާ" ބޭންޑާ ގުޅުމުން ކަމަށް ޝަންމު ދެކެ އެވެ. މިހާރު އެ ބޭންޑާ ވަކިވެފައިވާ ލަވަކިޔުންތެރިޔާ ބުނީ އަދި ވެސް ބޭންޑް މަތިން ވަރަށް "މިސް" ވާ ކަމަށެވެ.
ސްކޯޒް އޮފް ފްލެއާ އާ ޝަންމު ދުރަށް ދާން ޖެހުނީ "މިސްއަންޑަސްޓޭންޑިން" ތަކެއް ހުރުމުން ކަމަށް ދެކޭ ޝަންމު ބުނީ ބޭންޑާ ދުރަށް ދާން ޖެހުނު ސަބަބު ކިޔައިދޭން ބޭނުންވި ނަމަވެސް އެ ވާހަކަ ދައްކައިގެން ބޭންޑް މީހުންނާ އޮތް ގުޅުން ހީނަރުވެދާނެތީ އެ މާޒީގެ ތެރެއަށްދާން ބޭނުން ނުވާ ކަމަށެވެ.
"އަސްލު ވަރަށް ދެރަވޭ، އެމީހުން ޝޯ ކުޅޭ ތަންތަނަށް ގޮސް ކޮމެންޓް ވެސް ކުރަން. އެމީހުންގެ ފަރާތުން ކުރިން ސަޕޯޓް ލިބުނު. އެކަމަކު މިހާރު އެއްވެސް ވަރަކަށް ސަޕޯޓެއް ނުލިބޭ،" ޝަންމު ބުންޏެވެ.
މިހާތަނަށް މި ދާއިރާއިން އެޅުނު އެންމެ ބޮޑު ޅަ އެއްޗަކީ "ސްކޯޒް އޮފް ފްލެއާ" ގުޅުން ކަމަށް ވެސް ޝަންމު ބުންޏެވެ.
"މިހާރު ހިތަށް އަރާ އެ ބޭންޑާ ޖޮއިން ނުކުރެވުނު ނަމައޭ. ޝަންމުގެ އެއްވެސް ލަވައެއް ޝަންމު ކެނޑިގެން ދިޔަ ދުވަހު ނުދިން. ގޮތަކަށް ބުނަންޏާ ޝަންމުގެ ގައިގެ ކޮޅުފައިންޖެހީ،"
ޝަންމު ބުނި ގޮތުގައި ބޭންޑުން ކެނޑުނުތާ އަހަރެއްނުވެ މުޅި ރާއްޖެ އަށް އޭނާ އެނގިގެން ދިޔަ އެވެ. އަދި އެކަން އޭނާ ބަލައިގަންނަނީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ. "ސްކޯޒް އޮފް ފްލެއާ" އެއްކޮށް ދުވަހަކު ވެސް ދެން ލަވައެއް ނުކިޔަން އޭނާ ހުރީ ނިންމައިގެނެވެ.
ހޮބީއެއްގެ ގޮތުގައި ލަވަ ކިޔަން ފެށި ނަމަވެސް "ދަ ފައިވް"ގެ ނަމުގައި ބޭންޑެއް އުފައްދައި މިހާރު ކޮމާޝަލްކޮށް ޕާފޯމް ކުރަމުން އަންނަ ޝަންމު ބުނީ އެންމެ ބޮޑު އުންމީދަކީ ދަ ފައިވް އާ އެއްކޮށް ލަވައިގެ ދުނިޔޭގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ.
ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއްގެ ގޮތުގައި ސިފަ ކުރާ ޝަންމު ބުނީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ އަމިއްލަ ރާގުގެ އަމިއްލަ އަލްބަމެއް ރިލީޒްވާ ދުވަސް ކަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު އެ އަލްބަމްގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މިހާތަނަށް ކޮޕީ ރާގުގެ އެއްލައްވަ ކިޔާފައިވީނަމަވެސް އޭނާ އަޒުމު ކަނޑައަޅާފައިވަނީ ދެން ދުވަހަކުވެސް ކޮޕީ ރާގުގެ ލަވަ އެއް ނުކިއުމަށެވެ.
ޝަންމު ބުނީ އޭނާ ކޮންމެ ލަވަ އެއްވެސް ހަދާފައި ވަނީ ކޮންމެވެސް މީހަކަށް ކަމަށެވެ. އަދި އޭނާ އަންހެން ކުއްޖަކަށް ބޭވަފާ ތެރިވެފައޭ ބުނެވޭ ވަރުގެ އަންހެން ކުއްޖެއް ހުރެދާނެ ކަމަށެވެ.
ލަވަކިޔަން ޝަންމުއަށް އެންމެ ފަސޭހައީ މީރާއާއެކު އެވެ. މިހާރު ވެސް މީރާއާއެކު ވީޑިއޯ ލަވައެއް ކުޅުމަށް ތައްޔާރު ވެފައިވާ ކަމަށް ޝަންމު ބުންޏެވެ. މީރާއާ އެއްކޮށް ލަވައެއް ކުޅުނު ނަމަވެސް އެކްޓް ކުރުމަށް މާ ބޮޑު ޝައުގު ވެރިކަމެއް ޝަންމުގެ ނެތެވެ.
އަބަދުވެސް މަޑުމައިތިރި ލަވަ ކިޔަން ޝައުގު ވެރިކަން ހުންނަ ޝަންމު ބުނާ ގޮތުގައި ލަވައިގެ ދާއިރާގައި ހީރޯ އެއްގެ ގޮތުގައި އޭނާ ސިފަ ކުރާނީ މިހާރު ލަވަކިޔުން ހުއްޓާލާފައިވާ އަލީ ރަމީޒާއި އަދި މުހަންމަދު އަބުދުލްޣަނީ (ތޭރަވާ) އެވެ.
"ލަވަކިޔުމުގެ ދާއިރާއަށް އަލަށް ނުކުންނަން ކުއްޖަކަށް ދޭން ބޭނުންވާ ނަސޭހަތަކީ ކެރިގެން ނިކުންނާށޭ. އެހެން މީހުންގެ ފަރާތުން އިންސްޕިރޭޝަން ހޯދާށޭ. އެހެން މީހުންދައްކާ ވާހަކަ އަޑު އަހައިގެން ކުރިއަށްދާށޭ" ޝަންމު ބުންޏެވެ.