04 Feb 2014, 16:47
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މާބަނޑު މީހުނަށާއި ޅަދަރިމައިންގެ ތެރެއިން ކަނޑައަޅާފައިވާ ގަޑިތަކަށް އޮފީހަށް ނުކުންނަށް ދަތިވާ ފަރާތްތަކަށް ލުއިގޮތްތައް ހަމަޖައްސައިދިނުމާއި ގޭގައި ތިބެގެން މައްސައްކަތް ކުރެވޭނެ އުސޫލްތައް ކަނޑައަޅައި ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފި އެވެ.
އެކޮމިޝަނުގެ ގަވާއިދުގެ 150 ވަނަ މާއްދާއަށް އިއްޔެ ގެނެސްފައިވާ އިސްލާހާއެކު ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން މާބަނޑުވުމާއި ޅަދަރިމައިވުމުގެ ސަބަބުން ގަޑިއަށް އޮފީހަށް ނުކުތުމަށް ދަތިވާ ފަރާތްތަކުން އެފަރާތްތަކަށް ފަސޭހަ ގަޑިތަކަށް މަސައްކަތް ބަދަލުކޮށްދިނުމަށް އެދުމުން ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެދުމުން އެ އިދާރާއެއްގެ އެޗްއާރް ކޮމިޓީއަށް އެ އިންތިޒާމެއް ހަމަޖައްސައިދެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އެކަންކަން ކުރެވޭނީ ވަޒީފާގެ އެއްބަސްވުމުގެ އިތުރުން އެކުލަވައިލާ ވަކި އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އުސޫލްގެ ދަށުން އެފުރުސަތުތައް ދޭ މުވައްޒަފުން މަސައްކަތް ނުކުރާ ގަޑިތަކަށް ފައިސާ ކަނޑައި ރަނގަޅަށް މޮނީޓާކުރެވޭނެ އުސޫލްތައް ކަނޑައަޅަންޖެހެ އެވެ. އަދި އެގޮތަށް މުވައްޒަފުންނަށް ފުރުސަތު ދޭއިރު އެ އިދާރާގެ މަސައްކަތްތަކަށް ދަތިނުވާ ގޮތަށް ރިއާޔަތް ކުރާއިރު އެފުރުސަތުދޭ މުއްދަތުވެސް ދުރާލައި ނިންމަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ސިވިލްސާވަންޓުންގެ ތެރެއިން އަންހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ދުވަސްވަރު ވައުދުވެވަޑައިގެންފައިވެ އެވެ.