04 Feb 2014, 16:20
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އަލަށް ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ބުނީ، އެ މިނިސްޓްރީން ރާވައި ހިންގާ ދެ ދުވަހުގެ މި ޕްރޮގްރާމުގައި އަލަށް ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކުން ވިޔަފާރި މާކެޓް ކުރާނެ ގޮތާއި ވިޔަފާރި ކުރުމުގައި ދިމާވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކުރިއަށް ޕްލޭންކުރުން ފަދަ މުހިއްމު މައުލޫމާތުތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މިއަދު ފެށި ޓްރެއިނިން ޕްރޮގްރާމަކީ 25 ބައިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މުސަތަގުބަލުގައި ވިޔަފާރިއާ ގުޅުން ހުރި މިފަދަ އިތުރު ޓްރެއިނިން ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ކުދި އަދި މެޗުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީން ވަނީ، މީގެ ކުރިން ހައްދުއްމަތީގައި ވެސް ޓްރެއިނިން ޕްރޮގްރާމެއް ހިންގައިފަ އެވެ. އެފަހަރުގެ ޕްރޮގްރާމްގައި 15 އަށްވުރެ ގިނަ ބައިވެރިން ތަމްރީނު ހޯދާފައިވެ އެވެ.