04 Feb 2014, 16:18
އާސާރީ ތަންތަނަށް ބަދަލުގެނެސް، އެތަންތަން ތަޅާލުން ފަދަ ކަންތައް ކުރާ ނަމަ، އެފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނެފި އެވެ.
ފަނޑިޔާރު މިސްކިތް ތަޅާލުމާ ގުޅިގެން ހެރިޓޭޖް ޑިޕާޓްމަންޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން ފަނޑިޔާރު މިސްކިތް ތަޅާލާފައި ވަނީ އެޑިޕާޓްމަންޓާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. ނަމަވެސް ތަޅާލުމުގެ ކުރިން މިސްކިތާ ބެހޭ މައުލޫމާތު ސިޓީ ކައުންސިލުން ހޯދި ކަމަށާއި އެކަން ކުރި އިރުވެސް، މިސްކިތް ތަޅާލަން އުޅޭ ކަމަށް ބުނެފައިނުވާ ކަމަށް ހެރިޓޭޖުން ބުނެފައި ވެއެވެ.
އަމިއްލަ މީހެއްގެ އެހީގައި މާފަންނު ފަނޑިޔާރު މިސްކިތް ހުރި ތާނގައި އާ މިސްކިތެއް ބިނާކުރުމަށް ހުށަހަޅާފައިވާ ކަމަށް ބުނެ ސިޓީ ކައުންސިލުން ފަނޑިޔާރު މިސްކިތް ތަޅާލާފައި ވަނީ ހޮނިހިރު ދުވަހު އެވެ.
ހެރިޓޭޖް ޑިޕާޓްމަންޓުން ބުނީ ފަނޑިޔާރު މިސްކިތަކީ މީގެ 200 އަށް ވުރެ ގިނަ އަހަރު ކުރިން ބިނާކުރެވިފައިވާ މިސްކިތެއް ކަމަށެވެ. އަދި އޭގެ ފަހުން މިސްކިތް މަރާމާތުކޮށްފައިވާ ކަމަށާއި މިހާރު ރާއްޖޭގައި ހުރި އާސާރީ މިސްކިތްތަކަކީ ކޮންމެވެސް ދުވަސްވަރެއްގައި މަރާމާތުކުރެވިފައިވާ ތަންތަން ކަން ހެރިޓޭޖް ޑިޕާޓްމަންޓުން ފާހަގަކުރެ އެވެ.
"އާސާރީ ތަނަކަށް ތަނެއް ވާ ކަން ބަލަނީ ހަމައެކަނި ފަސް، ހަ ސަތޭކަ އަހަރު ވުމަކުން ނޫން. އެއަށް ވުރެ ކުރު މުއްދަތެއް ވެފައިވާ ތަނެއްވެސް ތާރީހީ ގޮތުން މުހިއްމު ތަނަކަށް ވެދާނެ" ހެރިޓޭޖް ޑިޕާޓްމަންޓުގެ ބަޔާނުގައިވެ އެވެ.
މިހާ ދުވަސްވެފައިވާ އިމާރާތެއް ތަޅާލި އިރު، އެއިމާރާތުގެ ފޮޓޯ ނަގައި، ޑޮކިއުމެންޓްކޮށް ހެދުމުގެ ފުރުސަތުވެސް ހެރިޓޭޖް ޑިޕާޓްމަންޓަށް ދީފައިނުވާ ކަން ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.