އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހަ ވަނަ ގައުމީ ބީޗް ވޮލީ މުބާރާތުގައި ޖުމްލަ 19 ޓީމް ބައިވެރިވެފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވި 19 ޓީމަކީ އަންހެން ޑިވިޒަންގެ ހަ ޓީމާއި ފިރިހެން ޑިވިޒަންގެ 13 ޓީމެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ކޮޅުގައި އޮންނަ ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ކަމަށް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވި އަންހެން ޑިވިޒަންގެ ހަ ޓީމަކީ ކްލަބް އިމިގްރޭޝަންއާއި ސްޕޯޓްސް ކްލަބް މެކާނޯ އާއި ވަށަވަރު ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި ސްޕޯޓްސް ކުލަބް ދިރުން އާއި ކުއީން ސްޕޯޓްސް ކްލަބް އަދި ޕޮލިސް ކްލަބެވެ. އަދި މުބާރާތުގައި ބައިވެރިވި ފިރިހެން ޑިވިޒަންގެ 13 ޓީމަކީ ޕޮލިސް ކްލަބާއި ކްލަބް މޯލްޑިވްސް ސްޕޯޓްސް ޖުނިއާ އާއި ޔުނައިޓެޑް ސްޕޯޓްސް ކްލަބާއި މުލަކު ރެކްރިއޭޝަން ކުލަބާއި ކްލަބް ގްރީން ސްޓާ އާއި ގިރާވަރު ޔޫތު ސޮސައިޓީ އާއި ޔޫތު ސްޕޯޓްސް ކުލަބާއި ކުލަބް އޯލްސްޓާ އާއި އައިލެންޑު އޯޝަން ކްލަބާއި މާތޮޑާ ސްޕޯޓްސް ކުލަބާއި ސްޕޯޓްސް ކުލަބް ވިޝަން އާއި ދިވެހި ސިފައިންގެ ކުލަބް އަދި ސްޕޯޓްސް ކުލަބް މެކާނޯ އެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލް މެޗާއި ފިރިހެން ޑިވިޒަންގެ ފައިނަލް މެޗް ކުޅޭ ގޮތައް އަދި ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހު ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުނު ގައުމީ ފަސް ވަނަ ބީޗް ވޮލީ މުބާރާތުގައި ޖުމްލަ 19 ޓީމެއް ވާދަކުރި އިރު، އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން އެފަހު ހޯދީ ޕޮލިސް ކުލަބެވެ. އަދި ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން އެފަހަރު ހޯދީ ދިވެހި ސިފައިންގެ ކުލަބެވެ.