04 Feb 2014, 15:34
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ޅ. ހިންނަވަރުގައި މިހާރު ކުރިއަށް ގެންދާ "މައިލޯ ނިއު ރޭޑިއަންޓް ޓުއާ"ގައި އިއްޔެ ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުގައި ނައިފަރު އަތުން 4-0 ލަނޑުން ނިއު މޮޅުވެއްޖެ އެވެ.
ޕާންބީޗް އައިލެންޑު ރިސޯޓުގެ އެހީތެރިކަމާ އެކު ހިންނަވަރުގައި އަޅައިދިން ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ނައިފަރު ކޮޅަށް ޖެހި ގޯލްތައް ނިއުއަށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެކުލަބަށް ބަދަލުވި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހައްމަދު އުމެއިރު އެވެ. މިދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ.
ހިންނަވަރުގައި ނިއު ކުޅޭ ރަހުމަތްތެރި ކަމުގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ އެއަތޮޅު ކުރެއްދޫ އައިލެންޑު ރިސޯޓާ ދެކޮޅަށެވެ.
ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް މިލްކުކުރާށާއި އަދި އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ އަޒުމުގައި ނިއު އިން މި ފެށޭ ސީޒަނާ ކުރިމަތިލާ އިރު އެ ކްލަބުން ވަނީ، ގާނާގެ ފޯވާޑަކާއި ޑިފެންޑަރެއްގެ އިތުރުން ސްޕެއިންގެ ކޯޗެއް ވެސް ގެނެސްފަ އެވެ.
މިސީޒަންގައި ނިއުއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުހުތާރު ނަސީރު (ޓޫކިލޯ) އާއި މާޒިޔާ އަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އެވެ.
ނިއު އިން ބުނީ، އެ ކްލަބަށް މިސީޒަންގައި ދެން އިތުރު ކުޅުންތެރިން ހޯދާނީ، ސީޒަންގައި ކްލަބު ކުރިއަށްދާ ގޮތަށް ބަލާފައި ކަމަށެވެ.