ވިލިމާލޭގެ ހުޅަނގު ދެކުނު ކަންމައްޗަށް މިއަދު ހެނދުނު ޑައިވިނަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ތިން މީހުނާ އެކު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުމާއި ގުޅިގެން ހޯދަމުން ދަނީ ކ. މާފުށި، އައްސޭރި، މުޙައްމަދު ޖަމީލު (40އ) ކަމަށް ފުލުހުން ބުންޏެވެ.


ފުލުހުން އިތުރަށް ބުނީ އެކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9:20 ކަންހާއިރު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް އެ ސަރަޙައްދަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޑައިވިނަށް ގޮސް އުޅެނިކޮށް މުޙައްމަދު ޖަމީލު ގެއްލިފައިވާ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، މުޙައްމަދު ޖަމީލު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފި ނަމަ ފުލުހުންނާއި ހިއްސާ ކުރެއްވުން އެދެން،" ފުލުހުން ބުންޏެވެ.