15 Dec 2010, 12:01
އަރަބިއްޔާ ސްކޫލާ މެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހިގެންނާއި ރާއްޖެ އަށް އައިސްގެން އުޅޭ ޔަހޫދީ ޑޮކްޓަރުންނާ ދެކޮޅަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން އަންނަ ހުކުރު ދުވަހުގެ ހަވީރު ސުނާމީ ބިނާ ކައިރީގައި "ބޮޑު" މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.
ސިޔާސީ ހަތް ޕާޓީއަކާއި މަދަނީ ތިން ޖަމިއްޔާއަކުން ބައިވެރިވެގެން އެމްއެންބީސީ ވަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން ވާހަކަފުޅު ދެއްކެވި އައްޝައިހް މުހައްމަދު ދީދީ ވިދާޅުވީ ސަރުކާރުން ޔަހޫދީންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ގޮތް ނޭނގޭ ޔަހޫދީ ޑޮކްޓަރުންތަކެއް ރާއްޖެ ގެނެސް، ދިވެހިންނަށް ބޭސްފަރުވާ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދީނީ ކަންކަމުގައި ސަރުކާރު އިހުމާލުވެ، އަރަބިއްޔާ ސްކޫލާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އެއްވެސް ވަރަކަށް ހިންހަމަނުޖެހޭ ކަމަށް ވެސް ޝެއިހް މުހައްމަދު ދީދީ ވިދާޅުވި އެވެ. އަދި އެ ދެ މައްސަލައާ ގުޅިގެން ނުރުހުން ފާޅުކުރުމަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 04:00 ގައި ސުނާމީ ބިނާ ކައިރީގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދާލަތު ޕާޓީގެ ގާނޫނީ މުޝީރު އަސަދުﷲ ޝާފިއީ ވިދާޅުވީ ދިވެހި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކުރި މަސައްކަތް މިއަދު މިފެންނަނީ ވަރަށް "ނުބައި"ކޮށް ކަމަށެވެ. އަދި ދިވެހިން އުންމީދު ކުރި ސަރުކާރުން މިއަދު ފެންނަނީ އިސްލާމްދީނާއި ދިވެހި ބަސް ނައްތާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި އެހެން ކަމުން އަރަބިއްޔާގެ މައްސަލަ އާއި ޔަހޫދީ ޑޮކްޓަރުންނާ ދެކޮޅަށް އަދާލަތު ޕާޓީން އެންމެ ފަހު "ލޭތިއްކާ" ހަމަޔަށް ކުރާ މަސައްކަތުގައި އެންމެހައި ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އަސަދުﷲ ގޮވައިލެއްވި އެވެ.
ޑީއާރުޕީ، ޕީއޭ، ޖުމްހޫރީ ޕާޓީ، ގައުމީ ޕާޓީގެ އިތުރުން ސަރުކާރާ ބައިއަތު ހިފާފައިވާ ދެ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީ އާއި ގައުމީ އިއްތިހާދު ޕާޓިން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖެ އާއި އިޒުރޭލާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ދިވެހި ރާއްޖެ އިޒުރޭލުގެ "އުގަށް" ވެއްޓެމުންދާ ކަމަށެވެ.
މަދަނީ ޖަމިއްޔާތަކުގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުއް ސަލަފާއި މުސްލިމުންގެ ގުޅުމާއި މޯލްޑިވްސް އިސްލާމިކް ރިސާޗް ފައުންޑޭޝަނުން ވެސް ބައިވެރިވި އެވެ. މަދަނި ޖަމިއްޔާތަކުގެ ފަރާތުން ވާހަކަފުޅު ދެއްވި ބޭފުޅުން، ޔަހޫދީންގެ ނުލަފާކަމާއި އެބައި މީހުން ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ބިކަ ހާލުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ. އަދި އިޒުރޭލުގެ ޔަހޫދީން ހިލޭ ސާބަހަށް އެހެން ގައުމުތަކުގައި ކުރަމުންދާ މަސައްކަތުގެ ފަހަތުގައި ފޮރުވިފައި ވަނީ ވަކި މަގުސަދެއް ކަމުގައި ވިދާޅުވެ، ރާއްޖެ އައިސްގެން އުޅޭ ޔަހޫދީ ޑޮކްޓަރުންނަކީ އިޒުރޭލުގެ ޖާސޫސީ އިދާރާތަކަށް ނިސްބަތްވާ ބައެއް ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ.
ހިލޭސާބަހަށް މަސައްކަތް ކުރާ އިޒުރޭލަށް ނިސްބަތްވާ "އައި ފްރޮމް ޒިޔޯން"ގެ ޑޮކްޓަރުންގެ ޓީމު މި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އައުމުން އެ މީހުންނާ ދެކޮޅަށް މަދަނީ ޖަމިއްޔާތަކުން ދަނީ އަޑު އުފުލަމުނެވެ. އަދި އެ މީހުން މި ގައުމުގެ ފަސްގަނޑުން ބޭރުނުކުރާހާ ހިނދަކު މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް އެ ޖަމިއްޔާތަކުން ބުނާ އިރު، ރައީސް ނަޝީދު ވަނީ "އައި ފްރޮން ޒިޔޯން"ގެ ޓީމާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވައިފަ އެވެ.