04 Feb 2014, 14:06
ހުޅުލެ އާއި މާލެއާ ދެމެދު ބުރިޖް އެޅުމުގެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ 19 ކުންފުންޏަށް ވެސް ޑީޓެއިލްޑް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރި ހުރިހާ ކުންފުނިތަކަށް ވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޑީޓެއިލްޑް ޕްރޮޕޯޒަލްއެއް ހުށަހެޅޭނެ މުއްދަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"ސަރުކާރުން މިނިންމީ ޝައުގުވެރިކަމަށް ހުޅުވާލި ފުރުސަތު ކުލޯސްކޮށްލާފައި ޑީޓެއިލްޑް ޕްރޮޕޯޒަލްތައް ހުށަހަޅަށް ފުރުސަތު ދޭން. ދެން މީގައި އަޅުގަނޑުމެންގެ ވިސްނުން ހުރީ އެންމެ ކުރު މުއްދަތެއްގައި ޑީޓެއިލްޑް ޕްރޮޕޯޒަލްތައް ހުށަހެޅޭނެ މުއްދަތެއް އައިޑެންޓިފައިކޮށްފައި ގެނައުން. ދެން އަޅުގަނޑުމެން މިނިންމީ 19 ފަރާތަށް ވެސް ފުރުސަތު ދޭން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 19 ފަރާތަށް ވެސް ފުރުސަތު ދޭން ނިންމީ އެކި ފަރާތްތަކުން ބުރިޖް އެޅުމާ މެދު ގެންގުޅޭ ވިސްނުން ދެނެގަނެ އެންމެ ފުރިހަމަ ޕްރޮޕޯޒަލްއެއް ހުށަހަޅާ ފަރާތެއް ހޯދުން ކަމަށެވެ. ހުޅުލެއާއި މާލެ ގުޅުވާލެވޭ ބްރިޖަކީ މީގެ ކުރިން ރާއްޖޭގައި ބިނާކޮށްފައި ނުވާ ވަރުގެ ސްޓްރަކްޗާއެއް ކަމުން މިބްރިޖަކީ ތަފާތު އަދި އޮނޮވޭޓިވް ޑިޒައިނެއްގެ ބްރިޖަކަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ޔުނީކު މާސްޓާޕީސްއެއްގެ ވާހަކަ އަޅުގަނޑުމެންނަށް މިދެކެވެނީ. އަޅުގަނޑުމެން ހީނުކުރާ، ނުވަތަ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ބިނާކޮށްފައިނުވާ ފަދަ ސްޓްރަކްޗާއެއްގެ ވާހަކަ މިދެންނެވެނީ. މުސްތަގުބަލަށްޓަކައި އަންނަން އޮތް ޖީލުތަކަށް މީގެ ސަބަބުން ގެއްލުން ނުވާ ގޮތަށް މިމަސައްކަތް ކުރެވެން ޖެހޭ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޑީޓެއިލްޑް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށާއި ޑީޓެއިލްޑް ޕްރޮޕޯޒަލްގެ ތެރޭގައި ބުރިޖް އެޅުމާއި މެއިންޓެއިންކުރުން އަދި ބުރިޖް އެޅުމަށް ދާ ހަރަދުތައް އަނބުރާ ހޯދުން ނުވަތަ ކޯސްޓް ރިކަވަރީގެ ޕްލޭންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް އެޅުމަށް ނިންމާފައިވާ ބުރިޖް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ބުރިޖް އެޅުމަށް 19 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ ޗައިނާގެ 11 ކުންފުންޏަކާއި އިންޑިއާގެ ދެ ކުންފުންޏަކާއި އެމެރިކާ، ފަރަންސޭސިވިލާތް، ތުރުކީ، އިނގިރޭސިވިލާތް، ދިވެހިރާއްޖެ އަދި އޮސްޓްރޭލިޔާ އިން އެއް ކުންފުންޏެވެ.