ޕީއެސްޖީގެ އުރުގުއާއީގެ ފޯވާޑް އެޑިންސަން ކަވާނީ އަށް ލިބުނު އަނިޔާ އަކީ އެހާ ސީރިއަށް އަނިޔާއެއް ނޫން ކަމަށް އެޓީމުގެ ކޯޗް ލޯރެންޓް ބްލޯންކް ބުނެފި އެވެ.

ކަވާނީ އަށް އަނިޔާވި މިދިޔަ ހުކުރު ދުވަހުގެ ރޭ ފްރާންސް ލީގުގައި ބޯޑައެކްސް އަތުން 2-0 ލަނޑުން ޕީއެސްޖީ މޮޅުވި މެޗުގައި އޭނާގެ ފައިގެ ފަލަމަސްގަޑަށެވެ.

ޕީއެސްޖީގެ ކޯޗް ބްލޯންކް ބުނީ، ކަވާނީ އަށް ލިބުނު އަނިޔާގެ ސަބަބުން ދެ ހަފުތާ ވަންދެން ރެސްޓުގައި އޭނާ ހުންނަން ޖެހޭނެ ކަމަށާއި އެހެން ކަމުން ކަވާނީ އަށް މާދަމާރޭ 1:00 ޖަހާއިރު ނަންޓެކްސް އާ ދެކޮލަށް ކުޅޭ މެޗާއި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ 1:00 ޖަހާއިރު މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

"ކަވާނީ އަށް ކުރިއަށް އޮތް ދެ މެޗް ގެއްލޭނެ. ކަވާނީއަށް ގެއްލެ ދެމެޗަކީ ނަންޓެކްސް އާއި މޮނާކޯ މެޗް. އޭނައަށް ލިބުނު އަނިޔާ އެހާ ސީރިއަސްއެއް ނޫން" ކޯޗް ބްލޯންކް ބުންޏެވެ.

ކޯޗް ބްލޯންކް ބުނީ، މޮނާކޯ މެޗުގައި ކަވާނީ ނެތްތަން ފޫބެއްދުމަށް މިހާރުން ސުރެ ވިސްނަމުން އަންނަ ކަމަށާއި އެހެން ކަމުން އެމެޗުގައި އެތަން ފޫބެއްދުމަށް ނިކުންނާނީ ކުޅަދާނަ ފޯވާޑެއް ކަމަށެވެ. އަދި މޮކާނޯ މެޗް ވަރަށް ވާދަވެރި ވާނެ ކަމަށް ވެސް ކޯޗް ބްލޯންކް ބުންޏެވެ.

ފްރާންސް ލީގުގައި ޕީއެސްޖީ އޮތީ 54 ޕޮއިންޓާ އެކު އެއް ވަނަ މަގާމް ގަ އެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި އޮތީ 49 ޕޮއިންޓާ އެކު މޮނާކޯ އެވެ. އަދި ތިން ވަނަ މަގާމް ގައި 41 ޕޮއިންޓާއެކު އޮތީ ލިލޭ އެވެ.