ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) އަންނަ ނޮވެމްބަރު މަހުން ފެށިގެން 12 ޕަސެންޓަށް ބޮޑުކުރުމަށާއި ނޮވެމްބަރާ ހަމައަށް ބެޑް ޓެކްސް ނަގަމުން ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.

ޓޫރިޒަމް ގާނޫނާއި ޓެކްސް ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ތަސްދީގުކުރެއްވުމުން، މިހާރު ހުއްޓާލާފައިވާ އަށް ޑޮލަރުގެ ބެޑް ޓެކްސް، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އަލުން ނަގަމުންދާނެ އެވެ. އަދި ނޮވެމްބަރު މަސް ނިމުމާ އެކު ބެޑް ޓެކްސް ނެގުން ހުއްޓާލައި މިހާރު ނަގަމުން އަންނަ އަށް ޕަސެންޓްގެ ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑު ކުރުމަށް ވެސް މިއަދު ފާސްކޮށްފައިވެ އެވެ.

ޓެކްސްއާ ބެހޭ ގާނޫނުގެ ދަށުން ނަގާ ޓީޖީއެސްޓީ، އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ފުވައްމުލަކު އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަފީގު ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައި ވަނީ 39 މެންބަރުންގެ ވޯޓުންނެވެ.

އަދި ޓީޖީއެސްޓީ ނަގަން ފެށުމާ އެކު މިއަހަރުން ފެށިގެން ނުނަގާ ގޮތަށް ކުރިން އޮތް އަށް ޑޮލަރުގެ ބެޑް ޓެކްސް މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ނެގުމަށް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި އިސްލާހް ފާސްކޮށަފައި ވަނީ 38 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ބިލް ފާސްކުރުމާ ދެކޮޅަށް 18 މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.

ރިސޯޓްތަކުގެ މުއްދަތު އިތުރު ކުރުމަށް ދައްކާ ފީ ދެ އަހަރަށް ބަހާލައިގެން ދައްކަން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް އަމީން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު ވެސް މިއަދު ފާސްކުރީ 38 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރުމާ ދެކޮޅަށް 18 މެންބަރަކު ވޯޓުދެއްވާފަވެ އެވެ.