04 Feb 2014, 12:57
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) ގެ ނަން ގައުމީ ސަލާމަތު ކޮމިޓީން ފާސްކޮށްފައި ވަނީ މުގައްރިރަށް ނޭނގި ކޮމިޓީ ބާއްވައިގެން ކަމަށް ވިދާޅުވެ ނިޒާމީ މައްސަލަތައް ނަގަން ފެށުމާ އެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ފަޔާޒު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ފަޔާޒު ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ އެކަން ދިރާސާކުރި ގައުމީ ސަލާމަތު ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުމަށް އެ ކޮމިޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ފުރުސަތު ދެއްވުމުން އޭނާ ވިދުޅުވީ އެއީ ބަޔަކު އަމިއްލައަށް ކޮމެޓީގެ ބައްދަލުވުން ބާއްވައިގެން ފާސްކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އެހެންކަމުން އެ ރިޕޯޓު ހުށަނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ގިނައަދަދަކަށް ނިޒާމީ މައްސަލަތައް ނަންގަވައި އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މެންދުރު 12:00 ހާއިރު ޖަލްސާ މެދުކަނޑާލައްވަމުން ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ ދެން ޖަލްސާ ފަށާނީ 1:00 ގައި ކަމަށެވެ.