04 Feb 2014, 12:35
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދެ މިލިއަން ރުފިޔާގެ ފައިދާ ވެއްޖެއެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 11 މިލިއަން ރުފިޔާ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން މިއަދު ނެރުނު ފަހު ތިން މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެކުންފުނިން 140 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އެ ކުއާޓާގައި ކުންފުއްޏަށް ޖުމުލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 17 މިލިއަން ރުފިޔާ އެވެ. އަދި ތިން ވަނަ ކުއާޓާގައި ޖުމުލަ ފައިދާގެ ގޮތުގައި 22 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހިންގުމުގެ ހަރަދުގެ ގޮތުގައި އަށް މިލިއަން ރުފިޔާ ހަރަދުކޮށްފައިވުމުން ވިޔަފާރި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ ހަ މިލިއަން ރުފިޔާ އެވެ. ތިން ވަނަ ކުއާޓާގައި ހަރަދުކުރީ ދެ މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން ބުނީ އެކުންފުނީގެ ފަރާތުން ދެމުން ގެންދާ ހުޅުމާލެ ފެރީ ހިދުމަތުން އެ ކުންފުންޏަށް ވަމުންދާ ގެއްލުން ފޫބައްދައި ދިނުމަށްޓަކައި ސަރުކާރުން ސަބްސިޑީ ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުންފުނީގެ ޖުމްލަ ދަރަންޏަކީ 262 މިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ ރައުސްމާލާއި ދަރަންޏަކީ 553 މިލިއަން ރުފިޔާ އެވެ.