04 Feb 2014, 12:31
މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ ތާއީދު އޮތްވަރު ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ނިންމައިފި އެވެ.
މަހްލޫފް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެ ކޮމިޝަނުން އޮތީ އެފަދަ ވޯޓެއް ނެގުމަށް ތައްޔާރަށް ކަމަށެވެ.
މަހުލޫފް ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާ އިން ލިބިދީފައިވާ ބާރެއް ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީން ލިބިދޭ އެ ބާރުގެ ދަށުން މަރަށް މަރު ހިފުމުގައި ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމަށް ވޯޓު ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީން ބޭނުން ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ އެކު، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވެސް އެކަމަށް އެއްބަސްވާ ކަމަށެވެ.
މަރަށް މަރު ހިފުމުގައި ރައްޔިތުންގެ ތާއީދު އޮތް ވަރު ބެލުމަށްޓަކައި، ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ގަރާރު ހުށަހެޅުމަށް މެމްބަރުންގެ ސޮއި ހޯދަމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކޮށްފާނެތީ ބޭރުގެ ބައެއް ފަރަތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށާއި ބޭރު މީހުންދެކެ ބިރުން މަރުގެ ހުކުމް ތަންފީޒު ކުރަން ފަސްޖެހުމަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ ބޭރުގެ ނުފޫޒަކާ ހެދި ގައުމު ހަލާކުވެގެން ދާކަށެއް،" މަހުލޫފު ވިދާޅުވި އެވެ.
މަރުވި މީހާގެ ހުރިހާ ވާރިސުން ބޭނުންވާނަމަ މަރަށް މަރު ހިފުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަމަކަށް ވާއިރު އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ އިޚްލާސްތެރި ބައެއް ކަމުގައިވާނަމަ ރައްޔިތުންގެ ތާއީދު އޮތްވަރު ބެލުމަށް ވޯޓު ނެގުމަށް ގަރާރެއް ފާސްކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.