04 Feb 2014, 12:28
އިނގިރޭސި ވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންތަކެއް އެ ކްލަބު ދޫކޮށް އެހެން ކްލަބުތަކަށް ގުޅެން ބޭނުންފައި ތިބިކަމަށް ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ފިއޮރެންޓީނާއާ ގުޅުނު ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު އެންޑަސަން ބުނެފި އެވެ.
ނިމިގެންދިޔަ ޖެނުއަރީ ފުޓްބޯލް ޓްރާންސްފާގައި މި ސީޒަންގެ ނިޔަލަށް ފިއޮރެންޓީނާއާ ގުޅުނު މިޑްފީލްޑަރު ބުނީ، ޔުނައިޓެޑަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތްކަމަށާއި އޭނާ ބޭނުންވަނީ ދާއިމީ ގޮތަކަށް ފިއޮރެންޓީނާއަށް ބަދަލުވާން ކަމަށެވެ. އަދި ޔުނައިޓެޑު ދޫކޮށް ދާން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އޭނާ އެކަނި ނޫންކަމަށާއި އޭގެ ތެރޭގައި މިދިޔަ ސަމާގައި ފަސްއަހަރު ދުވަހަށް ޔުނައިޓެޑާއެކު ކޮންޓްރެކްޓް އާކޮށްފައިވާ އެޓީމުގެ ޕޯޗުގީޒް ވިންގާ ލުއިސް ނާނީ ވެސް ހިމެނެ އެވެ.
ނާނީ އަކީ 2007 ވަނަ އަހަރު އެންޑަސަންއާ އެކު ޕޯޗުގަލްގެ ޕޯޓޯއިން ޔުނައިޓެޑަށް ބަދަލުވި އަނެއް ކުޅުންތެރިޔާ އެވެ.
ޔުނައިޓެޑްގެ ކެޕްޓަން ނެމެންޖާ ވިޑިޗް އާއި، ޕެޓްރިސް އެވްރާގެ އިތުރުން ރިއޯ ފާޑިނަންޑް ފަދަ ކުޅުންތެރިން ވެސް އެފަދަ ހިޔާލެއްގައި ތިބި އިރު އެންޑަސަން ބުނީ، "އަހަންނަށް ހަމަ ޔަގީން ޓީމުން ބޭރުވާން ބޭނުންވާ ބައިވަރު ކުޅުންތެރިންތަކެއް އެބަތިބި،" ކަމަށެވެ.
"ހާއްސަކޮށް އަހަންނާއި ނާނީ ފަދަ ޔުނައިޓެޑްގައި ހަތްއަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކުޅުންތެރިން އެބަތިބި. މެންޗެސްޓާ ޔުނައިޓެޑަކީ ބޮޑު ކްލަބެއް. ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކްލަބެއް. އެކަމަކު ބައެއް ހާލަތްތަކުގައި ފުޓްބޯޅަ ކުޅުންތެރިންނަކީ ތަފާތު ތަޖުރިބާއެއް ކުރުމާއި އެކު ކުރިއެރުން ހޯދުމަށް ކްލަބުތައް ދޫކުރާ ބައެއް،" އެންޑަސަން ބުންޏެވެ.
ވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ކޮށްގެން ވެސް ޔުނައިޓެޑްގެ ކޯޗު ޑެވިޑް މޮއެސްއަށް އޭނާގެ ޓީމު ހަމަޔަކަށް އަޅުވާލެވިފައި ނުވާއިރު، އޭނާ ވަނީ ނިމިދިޔަ ޓްރާންސްފާގައި ކްލަބު ރެކޯޑް ފީއެއް ކަމަށްވާ 37.1 މިލިޔަން ޕައުންޑަށް ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ޔުނައިޓެޑަށް ގެނެސްފަ އެވެ.
އިނިގިރޭސި ޕްރިމިއާ ލީގުގައި ކޮންމެ ކްލަބެއް 24 މެޗު މިހާތަނަށް ކުޅެފައިވާއިރު މެންޗެސްޓާ ޔުނައިޓެޑް އޮތީ، 40 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގަ އެވެ. އެހެން ކަމުން އެޓީމަށް މިވަނީ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފަ އެވެ.