04 Feb 2014, 11:54
އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެކެއްގައި އިއްޔެ މަހިބަދޫ އަތުން 6-0 ލަނޑުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން އީގަލްސް ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ޓާފް އެއްނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އީގަލްސް އަށް ކާމިޔާބު ކޮށްދިނީ އަންސަރު އިބްރާހީމެވެ. އީގަލްސްގެ ދެ ވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު މުސްލިހް އެވެ. އަދި މެޗުގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް އީގަލްސްއިން މަހިބަދޫ ކޮޅަށް ޖެހި ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނައުފަލް އެވެ.
އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަ ހާފުގައި އީގަލްސްއަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖެހި އަހުމަދު ރިޒްވާން އާއި މުހައްމަދު އަބްދުއް ސައްތާރު އެވެ.
އިއްޔެގެ މޮޅާއެކު އީގަލްސް ކުއާޓާފައިނަލުން ޖާގަ ހޯދާފައި ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެވެ.
މުބާރާތުގެ ގުރޫޕް ދޭކުން ނިއުރޭޑިއަންޓް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވާއިރު އެޓީމު ވަނީ ހަ ޕޮއިންޓް ހޯދާފަ އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ވައިކަރަދޫ ވެސް އޮތީ ހަ ޕޮއިންޓު ހޯދައިފަ އެވެ. މާޒިޔާ އޮތީ ތިން ޕޮއިންޓާ އެކު އެވެ. ތިން މެޗުން ވެސް ބަލިވެ، ވޭރު ވަނީ މުބާރާތުން ކަޓައިފަ އެވެ. މި ގްރޫޕްގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ވަނީ ވައިކަރަދޫ އާއި މާޒިޔާ މިއަދު ހަވީރު ބައްދަލުކުރާ މެޗަށް ފަހުއެވެ.
ގުރޫޕް ތިނެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާއެކު އޭދަފުށި ޒުވާނުން ކުލަބު ކުއާޓާއަށް ދަތުރުކޮށްފައިވާއިރު މި ގްރޫޕުންގެ ދެވަނައިގައި އޮތް އޯލްޔޫތު ލިންކޭޖަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ކެލާ ނާޅި ސްޕޯޓްސްއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. މި ގުރޫޕުން ކުއާޓާ ފައިނަލަށް ދާނެ ފަހު ޓީމެއް އިނގޭނީ އޭވައިއެލްއާއި ކެލާ ނާޅި ސްޕޯޓްސް މާދަމާ ހަވީރު ބައްދަލު ކުރާ މެޗަށް ފަހު އެވެ.
ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް ކުއާޓާގެ ޖާގަ ލިބޭނެ އެވެ.