04 Feb 2014, 11:30
މިހާރު ކުރިއަށްދާ 17 ވަނަ ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގައި ކަސްޓަމްސް އާއި ވާދަކޮށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މޮޅުވެއްޖެ އެވެ.
ރޭ 20:30 ގައި އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓުގައި ކުޅުނު މިމެޗު އެމްއެންޑީއެފުން ކާމިޔާބުކޮށްފައިވަނީ 71 ޕޮއިންޓް 33 ޕޮއިންޓުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ އެމްއެންޑީއެފް ޓީމުގެ އަހުމަދު ނަސީރަށެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޒަންގައި މިއަދު ހަވީރު 4:00ގައި އެމްޕީއެލް އާއި ޔޫތު މިނިސްޓުރީ ބައްދަލުކުރާއިރު، މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ޕޮލިސް އާއި އެމްޓީސީސީ އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ފިރިހެން ޑިވިޒަންގެ 10 ޓީމާއި އަންހެން ޑިވިޒަންގެ ތިން ޓީމެވެ. މިމުބާރާތުގައި ބައިވެރިވި ފިރެހެން ޑިވިޒަންގެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޕީއެލް އާއި އެމްޓީސީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި އިމިގްރޭޝަން އާއި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫތު މިންޓުރީ އާއި ދިރާގު އަދި ފޮރިން މިނިސްޓްރީ އެވެ. އަދި މުބާރާތުގެ އަންހެން ޑިވިޒަނުގައި ވާދަކުރާ ތިން ޓީމަކީ ކަސްޓަމްސް އާއި އިމިގްރޭޝަން އަދި އެމްއެންޑީއެފް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޒަންގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ދެ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާއިރު ފައިނަލަށް ދަތުރު ކުރާނީ ގަދަ ހަތަރު ޓީމު ނޮކްއައުޓް އުސޫލުން ކުޅެ އެންމެ މޮޅު ދެ ޓީމެވެ. އަދި އަންހެންޑިވިޒަންގެ ފައިނަލަށް ދަތުރުކުރާނީ އެންމެ މޮޅު ދެ ޓީމެވެ.
މުބާރާތުގެ އަންހެން ޑިވިޒަންގެ ފުރަތަމަ މެޗްގައި މިމަހުގެ އަށް ވަނަ ދުވަހު ހަވީރު 4:00ގައި ބައްދަލުކުރާ ދެޓީމަކީ އެމްއެންޑީއެފް އާއި ކަސްޓަމްސް އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ބާސްކެޓް ކޯޓްގަ އެވެ.