15 Dec 2010, 11:50
ކިތަންމެ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި ޑީއާރްޕީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި، އެ ޕްރައިމަރީސްގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރުހުން ނެތް ވަޒީރުންގެ މައްސަލަ ޑީއާރްޕީން ކާމިޔާބުކުރުމުގެ އުފާފާޅުކުރުމަށް ރޭ ޣިއާސުއްދީން ސްކޫލްގައި ބޭއްވި އެ ޕާޓީގެ ޖަލްސާއަށް އުމަރު ނަސީރު ވަޑައިގަންނަވަން އުޅުއްވުމުން އުފެދުނު ހަމަނުޖެހުމާއި "މާރާމާރީ"އާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން މިއަދު ވިދާޅުވީ، އޭނާގެ އަބުރު ނަގާލުމަށް ބަޔަކު ދޮގު ތުހުމަތުތަކެއް ކުރިއަސް އަދި ޑީއާރްޕީގެ ޖަލްސާ އަކަށް ވަދެ މާރާމާރީއެއް ހިންގިޔަސް، "ސިއްސައިގެންގޮސް" ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ހީވަންޏާ އެއީ ކުށް ހީއެއް ކަމަށެވެ.
‹ޕްރައިމަރީ ބޭއްވިއްޔާ ޕްރައިމަރީގައި ވެސް އަޅުގަނޑު ކުރިމަތިލާނަން. ކުރިމަތިލައިފައި ވާދަވެސް ކުރާނަން. އަޅުގަނޑު އެކަމަކާ ޖެހިލުމެއް ނުވޭ،"›
"..އަޅުގަނޑު ލީޑާޝިޕާ ހަވާލުވި ރޭ ވެސް ދަންނަވާފައި އޮންނާނެ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާނެއޭ. އަދި މިސަރުކާރުން ވެސް [ގޮންޖެހުންތައް] ކުރިމަތިކުރާނެއޭ. އަދި މިއަދު އެހެން ކޮށްލައްވާ ކަމަކުން އަޅުގަނޑު ސިއްސައިގެން މިކުރާ މަސައްކަތުން ފަހަތަށް ޖެހޭނެ ކަމަށް ހީވަންޏާ އެއީ ވަރަށް ކުށްހީއެއް ހެން،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން މިއަދު އިތުރަށް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޕާޓީގެ މެމްބަރުންނަށް ދެއްވާފައިވާ ކޮމިޓްމެންޓްގައި ފެއިލްވެވަޑައިނުގަންނަވާނެ ކަމަށެވެ.
އެގޮތުން އަސާސީ ގަވާއިދުގެ ތެރެއިން ނުވަތަ ޤާނޫނަކުން ޑީއާރްޕީގެ ރިޔާސީ ޕްރައިމަރީސްއެއް ބާއްވާން ލާޒިމް ވެއްޖެއްޖެ ނަމަ އެ ޕްރައިމަރީސްގައި ވެސް ވާދަކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް، ޑީއާރްޕީގެ އަސާސީ ގަވާއިދުގެ ދަށުން މިހާރު ރިޔާސީ ކެންޑިޑޭޓް ގޮތުގައި ހުންނެވި ތަސްމީން ވިދާޅުވި އެވެ.
"..މިހާރު ޕާޓީގެ ލީޑާޝިޕް ވެސް އޮތޭ އިނގޭތޯ. އޭރު ވެސް ކޮންމެ ބޭފުޅަކަށް ކުރިމަތިލެއްވޭނެ. ބޭފުޅަކު ކުރިމަތި ނުލެއްވީ ނޫންތޯ. ކުރިމަތިލެއްވި ނަމަ އެބޭފުޅަކާ ވާދަކުރަން އަޅުގަނޑު ހުރީ ތައްޔާރަށް. ޕްރައިމަރީ ބޭއްވިއްޔާ ޕްރައިމަރީގައި ވެސް އަޅުގަނޑު ކުރިމަތިލާނަން. ކުރިމަތިލައިފައި ވާދަވެސް ކުރާނަން. އަޅުގަނޑު އެކަމަކާ ޖެހިލުމެއް ނުވޭ،" ތަސްމީން މިއަދު ވިދާޅުވި އެވެ.
ޑީއާރްޕީގެ ރިޔާސީ ޕްރައިމަރީސް ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ، މިއަދު ތަސްމީނާ ދެކޮޅަށް އެންމެ ބޮޑަށް އަޑުގަދަކުރައްވަމުން ގެންދަވާ އަދި އެ ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ އުމަރު ނަސީރެވެ. ނަމަވެސް، އޭރު ތަސްމީނާއި އޭނާގެ ސަޕޯޓަރުން ވިދާޅުވަމުން ގެންދެވީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން 2013 ވަނަ ރިޔާސީ އިންތިހާބުގައި ވެސް، ޕާޓީ ޓިކެޓުގައި ވާދަކުރައްވާނީ ޕާޓީ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅެއް ކަމަށެވެ.
މިއަދު ރިޔާސީ ޕްރައިމަރީސްއަކަށް ތަސްމީންގެ "ގްރީން ސިގްނަލް" ދެއްވި އިރު، އުމަރާ އެކު ތަސްމީނާ ދެކޮޅަށް ތެދުވެވަޑައިގަންނަވާ ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުން ނެވެ. އަދި މިހާރު އަޑުފެތުރިފައިވާ ގޮތުގައި ތަސްމީނާއި ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.