04 Feb 2014, 11:23
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 1-0 އިން ބަލިވެ އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.
ޗެލްސީ ރޭގެ މެޗަށް ސިޓީގެ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރިއިރު ސިޓީ ވަނީ، ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ލީގުގައި މިހާތަނަށް 68 ލަނޑު ކާމިޔާބުކޮށް އެއީ ލީގުގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެޓޭކިން ފޯސްކަން ސާބިތުކޮށްދީފައިވާ ސިޓީއަށް ރޭގެ މެޗުގައި ލަނޑެއް ކާމިޔާބު ނުކުރެވުމުން 2010 ވަނަ އަހަރުގެ ފަހުން އެޓީމުގެ އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި އިދިކޮޅު ޓީމުގެ ގޯލަށް ލަނޑު ޖެހުމުގެ ރެކޯޑް ވެސް ވަނީ 61 މެޗަށް ފަހު ނިމުމަކަށް އައިސްފަ އެވެ.
މި މެޗުގެ ނަތީޖާއާއެކު ސިޓީއަށް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ވެސް ގެއްލުނު އިރު އެޓީމު 53 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ނަމަވެސް ލަނޑުގެ ގޮތުން ކުރިހޯދައިގެންނެވެ. 55 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތީ އާސެނަލް އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 32 ވަނަ މިނިޓްގައި ބްރަނިސްލަވް އިވަނޮވިޗް އެވެ. އޭގެ މެޗުގެ ތެރޭގައި ޗެލްސީއަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބި ގެއްލިގެން ގޮސްފައިވާކަށް ފާހަގަކޮށްލެވެ އެވެ. އެގޮތުން ސެމުއެލް އެޓޫ، ނެމެންޔާ މަޓިޗް އަދި ގެރީ ކެހިލް ފޮނުވާލި ހަމަލާތައް އަމާޒުވެފައި ވަނީ ސިޓީގެ ގޯލް ދަނޑިއަށެވެ.
މެޗަށް ފަހު ސިޓީގެ ކޯޗް މެނުއަލް ޕެލެގްރިނީ ބުނީ، އެއް މެޗުން ބަލިވި ނަމަވެސް ލީގު ހޯދުމަށް ސިޓީ އިން ކުރާ މަސައްކަތަށް ނިމުމެއް ނާންނަ ކަމަށެވެ. އަދި ސިޓީގެ މުހިއްމު ކުޅުންތެރިންތަކެއް ނެތި ކުޅުނު މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށް ޕެލެގްރިނީ ބުންޏެވެ.
ސިޓީ އަތުން މޮޅުވެ ޕޮއިންޓުގެ ގޮތުން އެޓީމާ ހަމަހަމަ ކުރެވުނު ނަމަވެސް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، އޭނާގެ ޓީމަށް މިފަހަރުގެ ލީގު ހޯދިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މޮރީނިއޯ ގަބޫލުކުރާ ގޮތުގައި އަދިވެސް މިފަހަރުގެ ލީގު ހޯދުން ގާތީ ސިޓީ އެވެ. ނުވަތަ އާސެނަލް އެވެ.