04 Feb 2014, 10:42
ޔޫރަޕުގެ ބައްރުގެ ގައުމުތަކުގައި ފާހަގަކޮށްލެވޭ މިންވަރަކަށް ކޮރަޕްޝަންގެ އަމަލުތައް ހިނގާ ކަމަށާއި ކޮންމެ އަހަރަކު ކޮރަޕްޝަންގެ ސަބަބުން ޔޫރަޕަށް 120 ބިލިއަން ޔޫރޯގެ ގެއްލުންވާ ކަމަށް ޔޫރޮޕިއަން ކޮމިޝަނުން ބުނެފި އެވެ.
އީޔޫގެ ހޯމް އެފެއާޒް ކޮމިޝަނަރު ސެސީލިއަން މެއިލްސްޓްރޮމް ހުށަހަޅުއްވާފައިވާ ކޮރަޕްޝަން ރިޕޯޓުގައި ހިމަނާފައި ވަނީ ދިރާސާތަކުގެ އަލީގައި ހޯދާފައިވާ މައުލޫމާތުގެ އިތުރުން ކޮރަޕްޝަން ޕާސެޕްޝަން ނުވަތަ އާއްމުން ކޮރަޕްޝަނާ މެދު ދެކޭ ގޮތުގެ މައްޗަށް ހަދާފައިވާ ސާވޭތަކުގެ ނަތީޖާތަކެވެ. މިރިޕޯޓް ހެދުމަށް އީޔޫގެ 28 ގައުމުގެ މައުލޫމާތުތައް އެއްކޮށްފައިވާ ކަމަށް އެޖަމިއްޔާ އިން ބުނެ އެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއިން މިފަދަ ދިރާސާ ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.
ސާވޭގެ ނަތީޖާ އަށް ބަލާއިރު ބައިވެރިވި މީހުންގެ ތެރެއިން ހަތަރު ބައި 75 ޕަސަންޓް މީހުން ބުނެފައި ވަނީ ޔޫރަޕުގެ ގައުމުތަކުގައި ކޮރަޕްޝަން ވަރަށް ފުޅާކޮށް ފެތުރިފައިވާ ކަމަށެވެ. އަދި 50 ޕަސަންޓް މީހުން ބުނެފައި ވަނީ ކޮރަޕްޝަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ބުނެފައިވެ އެވެ.
ސެސީލިއާ ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން ޔޫރަޕަށް ލިބޭ ގެއްލުން ކޮންމެ އަހަރަކު 120 ބިލިއަން ޔޫރޯ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއަދަދު މިއަށް ވުރެ މަތިވުމަކީ ވެސް ގާތް ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަންގެ ސަބަބުން ދިރިއުޅުމަށް އަސަރުކުރާ ކަމަށް އެންމެ ބޮޑަށް އެއްބަސްވެފައި ވަނީ ސްޕެއިން އަދި ގްރީސްގެ ރައްޔިތުން ނެވެ. މިދެ ގައުމުން ސާވޭކުރެވުނު މީހުންގެ 60 އަދި 69 ޕަސަންޓް މީހުން ބުނެފައި ވަނީ ކޮރަޕްޝަންގެ ސަބަބުން ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށެވެ.
ކުރޮއޭޝިއާ، ޗެކް ރިޕަބްލިކް، ލިތުއޭނިއާ، ބަލްގޭރިއާ، ރޯމޭނިއާ އަދި ގުރީސްއިން ސާވޭކުރި މީހުންގެ ތެރެއިން ހަ ޕަސަންޓާއި 29 ޕަސަންޓާ ދެމެދުގެ މީހުން ބުނެފައި ވަނީ ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ރިޝްވަތު ދިނުމަށް އެމީހުންގެ ކިބައިން ކަންކަމާ ހަވާލުވެ ތިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ކޮރަޕްޝަން ދަށް ގައުމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ސްވިޑަން އެވެ.
ސެސީލިއާ ވިދާޅުވީ ސްވިޑަންއަކީ ޝައްކެއް ނެތް ގޮތުގައި ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ކޮރަޕްޝަންގެ މިންވަރު ކުޑަ ގައުމު ކަމަށާއި ޔޫރަޕުގެ އެހެން ގައުމުތަކުން ސްވިޑަން ނަމޫނާ އަކަށް ބަލަން ޖެހޭ ކަމަށެވެ.