04 Feb 2014, 10:38
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ބޯޑު މެންބަރުކަމަށް ގަލޮޅު ސައިމާ މަރްޔަމް ވިސާމް މިއަދު އައްޔަނު ކުރައްވައިފި އެވެ.
ސީއެމްޑީއޭގެ ބޯޑަށް މަރްޔަމް ވިސާމް ހަމަޖައްސަވާފައި ވަނީ ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ ހައިސިއްޔަތުންނެވެ.
މަރްޔަމް ވިސާމަކީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗެލާޒް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިންގ މެނޭޖްމަންޓުގެ ދާއިރާއިންނެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން މަރްޔަމް ވިސާމް ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގަ އެވެ. އޭގެ ކުރިން، އެތާނގެ މެނޭޖަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.