ބްރަސަލްސް (ފެބްރުއަރީ 4): ދަރަނީގެ ސަބަބުން ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާ ޔުކްރޭނަށް މާލީގޮތުން އެހީތެރިވުމުގެ ގޮތުން ޚާއްސަ ޕްލޭނެއް އެކުލަވާލުމުގެ ކަންތައް ޔޫރަޕްގެ އިއްތިޙާދުންނާއި އެމެރިކާ ގުޅިގެން ކުރިޔަށް ގެންދާކަމަށް އީޔޫގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ މަސްއޫލުވެރިޔާ ކެޓްރިން އެޝްޓަން ވިދާޅުވީ މި ޕްލޭންގެ ދަށުން އެތައް ބިލިޔަން ޑޮލަރުގެ ބޮޑު ލޯން ޕެކޭޖެއް ޔުކްރޭނަށް ދިނުމާ މެދު ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާގެ މާލީ ދާއިރާތަކުން މަޝްވަރާތައް ކުރަމުން ގެންދާކަމުގަ އެވެ. މި ޕްލޭންގެ ބޭނުމަކީ މިހާރު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އެރުމުގެ ފުރްސަތު ޔުކްރޭނަށް ތަނަވަސްކޮށްދީ ދިމުގްރާތީ އިސްލާހްތައް ގެނައުމަށް އެގައުމަށް ހިއްވަރު ދިނުން ކަމަށް ވެސް އެޝްޓަން ވިދާޅުވި އެވެ.

މިޕްލޭންގެ ދަށުން ޔުކްރޭނަށް ދޭ އެތައް ބިލިޔަން ޑޮލަރުގެ ލޯން ޕެކޭޖްގައި އަވަސް އެހީގެ ގޮތުގައި ފައިސާގެ ހިލޭއެހީ ދިނުމާއި ދިގު މުއްދަތަކުން އަދާކުރާގޮތަށް ލޯން ދިނުމުގެ އިތުރުން ވެރިކަމުގެ އިންތިގާލީ މަރްހަލާއެއް ގާއިމްކުރުމަށް ޝަރުތުކޮށް ގައުމަށް ބޭނުންވާ ސިޔާސީ އަދި އިގްތިސާދީ އިސްލާޙްތައް ގެނަސް ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބުތަކަށް މަގުފަހިކުރުން ޝަރުތުކުރުން ހިމެނޭކަމަށް ވެސް އެޝްޓަން ވިދާޅުވި އެވެ.

ޔުކްރޭންގެ ރައީސް ވިކްޓާ ޔަނަކޮވިޗްގެ ސަރުކާރު ވައްޓާލާނެ ކަމަށްބުނެ އެގައުމުގައި އިހްތުޖާޖްތަކާއި ހަމަނުޖެހުންތައް ހިންގަމުން ގެންދަނީ ޔޫރަޕަށް ތާއީދުކުރާ އިދިކޮޅު ފަރާތްތަކުންނެވެ. އެތައް މަހަކަށް ދިގު ދެމިގެންގޮސްފައިވާ މިއިހްތިޖާޖްތަކުގެ ސަބަބުން ޔުކްރޭންގެ ޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ އިރު ހުޅަނގުގެ މިޕްލޭނަކީ އަވަށްޓެރި ރަޝިޔާއާ ދުރަށް ޔުކްރޭން ގެންދިޔުމުގެ ޕްލޭނެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)