04 Feb 2014, 09:31
މި މަހުގެ 15 ވަނަ ދުވަހު ބާއްވާ ހަ ކައުންސިލެއްގެ އިންތިޚާބުގައި، ކުރިން ރަޖިސްޓްރީ ކޮށްފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރަޖިސްޓްރީ ބަދަލު ކުރެވޭނީ އެމީހަކު ރަށްވެހިވެފައިވާ ރަށަށާއި މާލެ އަށް އެކަނި ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މިއަދާއި މާދަމާގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މި މަހުގެ 15 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލް ވިލިނގިލީ ދާއިރާގެ އިންތިޚާބާއި ނ. މިލަދޫ ކައުންސިލްގެ އިންތިޚާބު ހިމެނެ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ވިލިނގިލީ ދާއިރާގެ އިންތިޚާބު ކުރިން ބާއްވާފައެއް ނުވެ އެވެ. ނ. މިލަދޫ ކައުންސިލްގެ އިންތިޚާބު ބާތިލްކުރުމަށް ފަހު އަލުން ބޭއްވުމަށް ނިންމާފައި ވަނީ ވޯޓު ލުމުގައި ފޮހެވޭ ގަލަމެއް ބޭނުންކޮށްފައިވާތީ އެވެ.
ދެން ބާއްވަނީ ހއ. މުރައިދޫ ކައުންސިލާއި ރ. މާކުރަތު ކައުންސިލާއި ބ. ފެހެންދޫ ކައުންސިލްގެ އިތުރުން ގއ. ކޮނޑޭ ކައުންސިލްގެ އިލެކްޝަނެވެ. އެ ހަތަރު ކައުންސިލްގެ އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ބައެއް ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުންނެވެ.