ރިޔާޟް (ފެބްރުއަރީ 4): ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ބޮންގޮއްވުން ފަދަ ހަރުކަށި ޢަމަލުތަކުގައި ބައިވެރިވާ ސައޫދީ ރައްޔިތުން ތިން އަހަރަށް ޖަލަށްލުމުގެ ޝާހީ އަމުރެއް ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ނެރުއްވައިފި އެވެ.

ބޭރު ގައުމުތަކުގައި ހިންގަމުންދާ ހަނގުރާމަތަކާއި ބޮންގޮއްވުމުގެ ޢަމަލުތަކުގައި ބައިވެރިވާ ސައޫދީ ރައްޔިތުންގެ އިތުރުން ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެން އުޅޭ ޖަމާއަތްތަކަށް ނިސްބަތްވާ ސައޫދީ ރައްޔިތުން ވެސް ތިން އަހަރަށް ވުރެ ކުރުނޫން މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް މިއަމުރުގައި ބުނެފައިވާ ކަމަށް ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. ވިރާސީ ޢައިލީ މުތްލަގް ރަސްކަމެއް އޮންނަ ސައޫދީ އަރަބިޔާގައި އެގައުމުގެ ރަސްގެފާނު ނެރުއްވާ ޝާހީ ކޮންމެ އަމުރަކީ އެއަމުރަށް ބޯލަނބައި ތަންފީޒުކުރުން ސައޫދީ އަރަބިޔާގެ ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް ލާޒިމްވާ ގޮތަށް އޮންނަ ބާރުގަދަ ގާނޫނެކެވެ.

ސައޫދީ ރަސްގެފާނުގެ މިއަމުރުގައި، މިދެންނެވި ކަންކަމަށް ހިއްވަރުދީ މާއްދީ ގޮތުން އެހީތެރިވެ އަދި މަޢްނަވީ ގޮތުން ހަމްދަރްދީ ފާޅުކުރާ ސައޫދީ ރައްޔިތުންނަށް ވެސް މި އޫގޫބާތްތައް ދިނުން ހިމެނޭ ކަމަށް މިކަމާބެހޭ ގޮތުން ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު އާންމު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި މިފަދަ އަމަލުތަކުގައި ބައިވެރިވާ ސައޫދީ ރައްޔިތުންނަކީ ސަޢޫދީ ޢަސްކަރީ ލަޝްކަރުތަކަށް ނިސްބަތްވާ އޮފްސަރުން ފެންވަރުގެ މީހެއް ނަމަ އެފަދަ މީހެއްގެ އަދަބީ ފަސް އަހަރާއި ތިރީސް އަހަރާ ދެމެދު ޖަލަށްލުން ކަމަށް ވެސް މި އަމުރާ ގުޅިގެން ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސައޫދީ ރަސްގެފާނު މިއަމުރު ނެރުއްވާފައި މި ވަނީ ސައޫދީ އަރަބިޔާގެ އެތެރޭގެ އަމަނާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ދީނުގެ ނަމުގައި އިސްލާމްދީނާއި މުސްލިމުން ބަދުނާމުވާ ގޮތަށް ހިންގަމުން ގެންދާ ހަރުކަށި ޢަމަލުތަކާއި ތަޅާފޮޅުންތަކުގެ އިތުރުން ބައިބައިވުންތަކުން ސައޫދީ ރައްޔިތުން ސަލާމަތްކޮށް ސައޫދީ މުޖްތަމައުގައި ދީނީ އެއްބައިވަންތަކަމާއި ވަޙްދަތު އިތުރަށް ވަރުގަދަކުރުމުގެ ރޫހުގައި ކަމަށް ވެސް ރަސްކަމުގެ ދީވާނުގެ ބަޔާން ބުނެފައިވެ އެވެ.
ސައޫދީ ރަސްގެފާނު ޝާހީ އަމުރު ނެރުއްވާފައިމި ވަނީ ޢިރާޤާއި ސޫރިޔާއާއި ލުބްނާން ފަދަ ބައެއް ޢަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ސައޫދީ އަރަބިޔާގެ ބައެއް ރައްޔިތުން ގުޅި ބޮންގޮއްވުން ފަދަ ހަރުކަށި ބައެއް އަމަލުތަކުގައި އެމީހުން ޝާމިލްވާ ކަމަށް އެގައުމުތަކުން ބުނަމުންގެންދާ ދަނޑިވަޅެއްގަ އެވެ.

ލަންޑަން ދިރިއުޅޭ ސައޫދީ އަރަބިޔާގެ އދިކޮޅު ފަރާތްތަކުންވަނީ މިއީ ސައޫދީ އަރަބިޔާގެ އާލްސައޫދު ޝާހީ އާއިލާ އިން އެގައުމުގައި ހިންގާ އެމީހުންގެ ޢާއިލީ ވިރާސީ ރަސްކަން އިތުރަށް ޙިމާޔަތް ކުރުމަށާއި ސައޫދީ އަރަބިޔާ އަށް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް އެމީހުންގެ ދުވަސް ދުއްވާލުމުގެ ރޭވުމެއްގެ ދަށުން ރަސްގެފާނު ނެރުއްވި އަމުރެއް ކަމަށް ސިފަކޮށްފަ އެވެ.

އަނެއްކޮޅުން، ޓެރަރިޒަމްގެ ޢަމަލުތައް ބެލުމަށް ޚާއްސަކޮށްގެން 2011 ވަނަ އަހަރު ސައޫދީ ސަރުކާރުން އުފައްދާފައިވާ ކޯޓުތަކުން ވަނީ ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެންއުޅޭ އެތަށް ބައެއްގެ މައްޗަށް ސައޫދީ ސަރުކާރުން އުފުލާފައިވާ ޓެރަރިޒަމްގެ ދައްވާތައް ބަލައި އެފަދަ މީހުންގެ މައްޗަށް ބޮޑެތި ހުކުމްތަކެއް އިންވަން ފަށާފަ އެވެ. މިގޮތުން މިފަދަ ކުށްތައް ސާބިތުވާ ފަރާތްތައް 25 އަހަރަށް ޖަލަށްލުން ފަދަ ބޮޑެތި ހުކުމްތައް ވެސް މިކޯޓުތަކުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައިވަނީ އިއްވާފަ އެވެ. (ނޫސްއެޖެންސީތައް)