04 Feb 2014, 00:30
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ އާއި ހަނިމާދޫ ދާއިރާ އަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ސައުދު ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވަނީ ޏ. ފުވައްމުލައް ނިއުޑަލްހީ ފައިސަލް ނަސީމް ކަމަށެވެ. އަދި ހަނިމާދޫ ދާއިރާއަށް ނުކުންނަވަނީ ހދ. ހަނިމާދޫ ސާހިލް، ހުސައިން ޝަހުދީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 85 ދާއިރާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ބަހާލުމުން ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ 28 ދާއިރާ އެވެ. އެ ދާއިރާތަކަށް ކުރިމަތިލެއްވި ބޭފުޅުންނަށް ޓިކެޓުދީފައި ވަނީ ޕްރައިމަރީ އަކާއި ނުލައި، ޕާޓީގެ ކައުންސިލުން ފާސްކޮށްގެނެވެ.
ޖުމްހޫރީ ޕާޓީން ބުނީ ޕާޓީގެ ކައުންސިލުން ފާސްކުރުމުގެ ކުރިން ޚާއްސަ ކޮމެޓީއަކުން ކުރިމަތިލީ ބޭފުޅުންނަށް މާކްސްދީފައިވާ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ވަރަށް ގިނަ ގޮތްތަކަށް ބެލުމަށްފަހު ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް ވެސް ވަނީ ޓިކެޓު ދީފަ އެވެ. އެގޮތުން ޖުމްލަ ނުވަ މެމްބަރަކަށް ވަނީ ޓިކެޓުދީފަ އެވެ.
މާމިގިލީ ދާއިރާގެ ޓިކެޓު ދީފައި ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ.
މަތިވެރި ދާއިރާގެ ޓިކެޓު ދީފައި ވަނީ އެ ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ ހުސައިން މުހައްމަދަށެވެ.
ހިތަދޫ ދެކުނު ދާއިރާގެ ޓިކެޓު މިހާރުވެސް އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހަސަން ލަތީފަށް ދިނުމަށް ނިންމާފައިވާއިރު މަރަދޫ ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފައި ވަނީވެސް އެ ދާއިރާގެ މެމްބަރު ހަސަން އާދިލަށެވެ.
ނައިފަރު ދާއިރާގެ ޓިކެޓު އެ ދާއިރާގެ މެމްބަރު އަހްމަދު މުހައްމަދަށް ދިނުމަށް ނިންމާފައިވާއިރު އަލަށް އުފެއްދި ދާއިރާއެއް ކަމަށްވާ ދަނގެތި ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފައި ވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދަށެވެ.
ކުރެންދޫ ދާއިރާ އަށް ވާދަކުރައްވަނީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހްމަދު މޫސާ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި އަހްމަދު ސަމީރަށް ވަނީ ދިއްދޫ ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފަ އެވެ. އަދި ކަނޑިތީމް ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ މުހައްމަދު ހުސައިނަށް ވެސް އެ ދާއިރާގެ ޓިކެޓު ދިނުމަށް ވަނީ ނިންމާފަ އެވެ.
ކެންދޫ ދާއިރާ އަށް ގާނޫނީ ވަކީލު އަލީ ހުސައިން ވާދަކުރައްވާއިރު ސ. މީދޫ ދާއިރާ އަށް ވާދަކުރައްވަނީ ސ. މީދޫ ދާރުލްއަމާން އަބްދުﷲ ހާނީ އެވެ.
ބެލެތްދޫ ދާއިރާ އަށް ފ. މަގޫދޫ ކެނެރީގޭ އަހްމަދު މުބީން ވާދަކުރައްވާއިރު މަކުނަދޫ ދާއިރާ އަށް ވާދަކުރައް ވަނީ ހދ. ކުމުންދޫ ރޯޝަނީގޭ އަލީ އިބްރާހީމެވެ.
އިހަވަންދޫ ދާއިރާ އަށް ވާދަކުރައްވަނީ ފިލްމީތަރި، ހއ. އިހަވަންދޫ އުސްހަކުރުގޭ މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. ނޮޅިވަރަމް ދާއިރާއަށް ހދ. ނޮޅިވަރަމް، ދިވެހި، ހުސައިން އަރީފް ވާދަކުރައްވާއިރު އެ އަތޮޅު ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކުރީގެ މެމްބަރު އިގްބާލް އާދަމެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ނަސްރުﷲ އިސްމާއީލް ވާދަކުރައްވާއިރު ތޮއްޑޫ ދާއިރާ އަށް ވާދަކުރައްވަނީ ތޮއްޑޫ އެއްވިލާ އިބްރާހީމް ހަސަން އެވެ.
ކެޔޮދޫ ދާއިރާ އަށް މާލޭ ދަފްތަރު 5371 މޫސާ ނިޒާރު އިބްރާހީމް ވާދަކުރައްވާއިރު މަހިބަދޫ ދާއިރާ އަށް ވާދަކުރައްވަނީ މަހިބަދޫ ދުނި، އަހްމަދު ސުނިލް އެވެ.
މިލަންދޫ ދާއިރާއަށް ށ. މިލަންދޫ، ފަރެސް، ހަސަން މުފީދު އަބްދުލްގާދިރު ވާދަކުރައްވާއިރު ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކުރީގެ މެމްބަރު ނަހުލާ އަލީ އެވެ.
ގދ. ތިނަދޫގައި ހިމެނޭ އިންތިޚާބީ ދެ ދާއިރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ އެންމެ ދާއިރާ އެކެވެ. އެއީ ތިނަދޫ ދެކުނު ދާއިރާ އެވެ. އެ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފައި ވަނީ ތިނަދޫ ދެވިނަގޭ އަބްދުﷲ އަހްމަދު އަށެވެ.
މާލޭގެ ދާއިރާތަކުގެ ތެރެއިން މާފަންނު އުތުރު ދާއިރާ އަށް ގ. ބޮޑުފެންވަޅުގޭ އަހްމަދު އަޖުވަދު ވާދަކުރައްވާއިރު ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އަހްމަދު ސަލީމް (މާޒް ސަލީމް) އެވެ.
ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ދާއިރާތަކުގެ ތެރެއިން ބައެއް ދާއިރާތައް އަދާލަތު ޕާޓީއަށް ދިނުމަށް ދެ ޕާޓީގެ ދެމެދުގައި ކުރެވުނު މަޝްވަރާތައް ވަނީ ނާކާމިޔާބުވެފަ އެވެ.