03 Feb 2014, 23:30
ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު އައްޔަން ކުރައްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޑެޕިއުޓީ ލީޑަރު ކަމަށް ޝިފާގު އައްޔަން ކުރައްވާފައި ވަނީ އެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން މިއަދު އެގޮތަށް ފާސްކުރުމުން ކަމަށެވެ.
އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމް ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. އިބްރާހީމްދީދީ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ޖުމްލަ ހަތަރު ބޭފުޅުން ތިއްބަވަ އެވެ. ޝިފާގުގެ އިއތުރުން އެމަގާމުގައި މިހާރު ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމްގެ އިތުރުން ޑރ. ހުސައިން ރަޝީދު ހަސަން އެވެ.