15 Dec 2010, 11:49
"ޔަހޫދީ" ޑޮކްޓަރުން ރާއްޖެ އަށް ގެނެސްފައި ވަނީ ދިވެހި ރާއްޖޭގެ ސިއްހީ ހާލަތު ގަސްތުގައި ދަށަށް ދުއްވާލުމަށް ފަހު ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސިއްހީ ހާލަތު ގަސްތުގައި އިންތިހާ ދަރަޖަ އަށް ދަށަށް ދުއްވާލުމަށް ފަހު، ނާޖާއިޒު ގޮތްގޮތުން ފައިދާތައް ހޯދައި އަދި ބައިނަލްއަޤްވާމީ މައިދާނުން ނާޒާއިޒު ފައިދާތަކާއި އެހީތެރިކަން ފޯރުކޮށްދެމުންދާ، ޔަހޫދީ ނުފޫޒުތަކުގެ އެހީތެރިކަން ހޯދުމުގެ ފަހަތުގައި ވަނީ ޔަހޫދީންނާ މެދު ދިވެހިންގެ ހިތްރުއްސުން ކަމަށެވެ.
ޔަހޫދީ ޑޮކްޓަރުންނާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެ ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރުމުން ރަމްޒުކޮށްދެނީ އިސްލާމް ދީނާއި ދިވެހި ރައްޔިތުންނާ މެދުގައި ރައީސް ނަޝީދުގެ ހިތްޕުޅުގައި ވެރިވެފައިވާ ލޯތްބަށް ވުރެ ބޮޑު ލޯތްބަކާއި ކުލުނެއް އެ މަނިކުފާނުގެ ހިތްޕުޅުގައި ޣައިރު މުސްލިމުންނާ މެދުގައި ދެވިފައިވާކަން ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.
ޣައިރު ދީނީ އަދި ލާ އިންސާނީ ހަރަކާތްތަކާ މެދު ނުރުހުންޕާޅުކޮށް އެފަދަ ކަންތައްތައްތަކާ ބަހުންނާއި އަމަލުން ދެކޮޅުހެދުމަށް ޖުމްހޫރީޕާޓީގެ ނޫސްބަޔާނުގައި ރައްޔިތުންނަށް ގޮވައިލައިފައިވެ އެވެ.
އަދާލަތު ޕާޓީން ވެސް ބުނެފައި ވަނީ އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމު ކަމުގައިވާ "އައި ފްރޮމް ޒިއޯން"ގެ ޓީމުގައި ހިމެނީ ސައްހަ ޑޮކްޓަރުން ކަމާ މެދު އަދި ވެސް ޝައްކު ކަމަށެވެ.
އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައި ވަނީ "ޒިއޯން"މި ބަހުންނެވެ.