03 Feb 2014, 23:10
ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް "މިނީ ޖޮބް ފެއާ"ގެ ނަމުގައި ފެއާތަކެއް ކުރިޔަށް ގެންދަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
ކޮންމެ މަހަކު މަދުވެގެން ދެ ފަހަރު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ގެންދާ އެ ޖޮބް ފެއާތަކުގައި ހުސް ވަޒީފާ ހުރި ކުންފުނިތަކުން ބައިވެރިވުމަށް ޔޫތު މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. ކުންފުނިތަކުގައި ހުސްކޮށްހުރި ވަޒީފާތަކުގެ ފުރުސަތުތަކާ ބެހޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ފުރަތަމަ ޖޮބް ފެއާ މިރޭ ވަނީ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންގޮސްފަ އެވެ.
ޔޫތު މިނިސްޓްރީގެ ކެރިއާ ގައިޑެންސް އޮފިސާ މުހައްމަދު ސަނީލް "ސަން"އަށް މިރޭ ވިދާޅުވީ އެ ޖޮބްފެއާ ތަކުގައި ކުންފުނި ތަކުގައި ހުސްވެފައި ހުރި ވަޒީފާތަކަށް ވަގުތުން އެޕްލައި ކޮއްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ވަޒީފާ ދޭ ކުންފުނިތަކަށް ވެސް ވަގުތުން އިންޓަވިއު ކުރެވޭނެ އިންތިޒާމް ވެސް އެ ފެއާގައި ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަނީލް އިތުރަށް ވިދާޅުވީ މިހާރު ޔޫތު މިނިސްޓްރީން އާންމުކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށް ވަޒީފާ ބޭނުންވާ ޒުވާނުންނަށް ވަޒީފާގެ ދަފްތަރުގައި ރަޖިސްޓާ ކުރެވޭނެ ކަމަށެވެ. އަދި ޖޮބްފެއާ ކުރިޔަށް ގެންދާ ދުވަސްތަކާ ގަޑިތައް އެ ސައިޓްގައި ރަޖިސްޓާ ވެފައިވާ ހުރިހާ ބޭފުޅުންނަށް ވެސް އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށާއި އަވަސް މުއްދަތެއްގެ ތެރޭގައި އެސްއެމްއެސް މެދުވެރިކޮށް އެ މައުލޫމާތު ދިނުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ސަނީލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހައް ޔޫތު މިނިސްޓްރީން ވަނީ ވަޒީފާ ބޭނުންވާ ފަރާތްތައް ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ގޮތުން އެ ފުރުސަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެ ޖޮބްފެއާ ތަކަށް އައުމަށް ދައުވަތު ދޭނެ ކަމަށް ވެސް ސަނީލް ވިދާޅުވި އެވެ.