03 Feb 2014, 22:48
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގެންނަވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ ޕާޓީގެ ވިޕްލައިނާއި ހިލާފަށް ވޯޓު ދެއްވުމާ ގުޅިގެން އެނާއާމެދު އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން އެޅި ފިޔަވަޅަކީ ސައްހަ ފިޔަވަޅެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖާބިރު ފިޔަވައި އެހެން ފަރާތެއް ކުރިމަތި ނުލުމުން އިންތިހާބަކާއި ނުލައި އޭނާއަށް ދޫކުރި ޓިކެޓް ބާތިލްކޮށް އަލުން އެ ދާއިރާގެ ޕްރައިމަރީއަށް ހުޅުވާލާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ޖާބިރު ހުށަހެޅުއްވީ މިއަދު އެވެ. އިސްތިއުނާފު ގަނޑިޔާރު މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ސިޓީގައި އޭނާއާމެދު ފިޔަވަޅުއަޅާ ކޮމެޓީން އެޅި ފިޔަވަޅަކީ ހުދުމުހުތާރު ގޮތެއްގައި އަޅާފައިވާ އިންސާފުން ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.
"އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން އަޅުގަނޑާމެދު ފިޔަވަޅުއަޅާފައި ވަނީ އެ ކޮމެޓީގެ މެންޑޭޓުން ބާރުގައި ކަމާއި އަދި އެ ނިންމި ނިންމުމަކީ އިންސާފުގެ ހަމަތަކާއި، ޕާޓީގެ އަސާސީ ގަވައިދުގެ [8] ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައިގަނޑު ފަލްސަފާ ކަމުގައިވާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ މައިގަނޑު އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ވަރަށް ހުދުމުހްތާރު ގޮތެއްގައި އަޅުގަނޑާއިމެދު ވަރަށް ބޮޑަށް ތާފާތު ކުރެވިގެން ނިންމާފައިވާ ނިންމުމަކަށް ވާތީ 28 ޖެނުއަރީ 2014 ވަނަ ދުވަހު އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ކަނޑައަޅާދެއްވައި އެ ނިންމުން ބާތިލް ކޮށްދިނުމަށް އެދި އެމްޑީޕީގެ އަސާސީ ގަވައިދުގެ 115 ވަނަ މާއްދާގެ ދަށުން ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހެޅީމެވެ،" ޖާބިރު ހުށަހެޅުއްވި ސިޓީގައިވެ އެވެ.
ޖާބިރު ވަނީ އޭނާއާމެދު އެޅި ފިޔަވަޅަކީ ސައްހަ ނޫން ފިޔަވަޅުތަކެއް ނޫންކަން ސާބިތުކޮށް ދިނުމަށް މައިގަނޑު ތިން ނުކުތާއެއް ފާހަގަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ތްރީލައިން ރެޑް ވިޕްލައިނާ ހިލާފުވެވަޑައިގެންނެވުމާ ގުޅިގެން ކަމަށް ބުނެ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރުކަމުގެ މަގާމުން ވަކި ކުރުމާއި އޭނާއަށް ދީފައިވާ ޓިކެޓް އަތުލުމަށް ނިންމާފައިވުމަކީ އެ ކޮމެޓީއަށް ލިބިދީފައިވާ ހުދޫދުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ހަމަ އެހެންމެ މީގެ ކުރިން އެމްޑީޕީގެ ވިޕްލައިންތަކާ ހިލާފަށް ވޯޓުދިން މެންބަރުންނާއިމެދު އެއްވެސް ފިޔަވަޅެއް ނާޅައި ހުރުމާއި ބައެއް މެންބަރުންނަށް މާފް ދީފައި ހުރުމުން އޭނާއާއިމެދު ފިޔަވަޅު އަޅާފައިވުމަކީ ތަފާތުކުރުމުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލުމުން ޖާބިރުގެ އިތުރުން އެހެން ފަރާތެއް އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލައްވާފައި ވާތީ އެ ދާއިރާގެ ޕްރައިމަރީ އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ބުދަ ދުވަހު ބާއްވާ ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަނީ ޖާބިރާއި ގ. ދުވާފަރުގެ އައިޝަތު މަމްދޫހާ އެވެ.