03 Feb 2014, 19:54
ކުވޭތު ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވިދާނެ އެހީތެރިކަން ދެނެގަތުމަށްޓަކައި، ކުވޭތުގެ ހެލްތު މިނިސްޓްރީގެ ޚާއްސަ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިވަފުދު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިގެންދިޔައީ، ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުވޭތުގެ ހެލްތު މިނިސްޓަރު ޑރ. އަލީ ސާދް އަލްއޮބައިދީއާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ކުވޭތު ސަރުކާރުން އެހީތެރިކަން ހޯއްދެވުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.
ކުވޭތުގެ ހެލްތު މިނިސްޓްރީގެ ވަފުދުގެ ބޭފުޅުން، ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންތައްތައް ބައްލަވައިލެއްވުމަށްފަހު، ރާއްޖެއިން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން، މިހާރުންމިހާރަށް ބޭނުންވާ ކަންތައްތައް، ކުވޭތު ސަރުކާރުން ކޮށްދެއްވާނެ ކަމުގައި ކުވޭތުގެ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކުވޭތުގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެހެނިހެން ޚިދުމަތްތެރިން، ރާއްޖެއަށް ފޮނުއްވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ކުވޭތުގެ ހެލްތު މިނިސްޓަރު ދެއްވިއެވެ. އަދި ދެ ސަރުކާރުގެ ދެމެދުގައި ވާހަކަ ދެކެވި، އިންތިޒާމުތައް ހަމަޖެހޭ ގޮތެއްގެ މަތިން، ޑޮކްޓަރުން ފޮނުއްވައި ދެއްވައި، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގައިވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގައި ކުވޭތު ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމާ ބެހޭގޮތުންވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގައި، ކުވޭތު ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމުގައިވެސް ކުވޭތުގެ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.