އަޑިޕާކް ސަރަހައްދުގައި ފުރާވަރު ކުއްޖެއްގެ ގައިގައި ދަގަނޑު ބުރިއަކުން ޖަހައި ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 7:30 އެހާކަންހާއިރު އަޑިޕާކުގައި ހިންގި މާރާމާރީއެއްގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ ގައިގައި އެއްޗަކުން ޖަހައި ޒަހަމްކޮށްލާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުންނެވެ.

އޭޑީކޭގެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް މިރޭ "ސަން" އަށް ވިދާޅުވީ މާރާމާރީގައި އަނިޔާ ލިބުނު ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މިރޭ ހިނގި މާރާމާރީއާއެކު، ވެތުވެދިޔަ ހަފްތާއެއްގެ ތެރޭގައި ވަނީ ހަތަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އެއީ މިދިޔަ ހޯމަ ދުވަހު މާލޭގެ ތިން ސަރަހައްދެއްގައި ދެ މީހަކާއި ކުޑަކުއްޖަކަށް ދިން ވަޅީގެ ހަމަލާ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ.