މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗް ފަސްކޮށްފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޝާހިދު ވިދާޅުވީ، މިސީޒަންގެ ޗެރިޓީ ޝީލްޑް މެޗު ކުޅޭ ދުވަސް ފަސްކުރަން ޖެހުނީ އަންނަ މޭ މަހު ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރުގެ ފުޓްބޯޅަ ސީޒަން ވެސް ފަށަން ހަމަޖެހިފައި ވަނީ ޗެރިޓީ ޝީލްޑް މެޗުން ކަމަށް ވީނަމަވެސް އެމެޗު ދެން ކުޅޭނެ ވަކިތާރީހެއް އަދި ވަނީ ފައިނަލް ނުވެ އެވެ.

މިއަހަރުގެ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އެފްއޭކަޕްގެ ރަނަރަޕް މާޒިޔާ އެވެ.

ޗެރިޓީ ޝީލްޑަކީ ކުރިން ބާއްވަމުންދިޔަ ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ޗެރިޓީގެ ގޮތުގައި ކޮންމެ ވެސް ފަރާތަކަށް ހަދިޔާކުރަންޖެހެ އެވެ.

ފާއިތުވި އަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެގޮތުން އެޓީމަށް މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުން އިނާމެއްގެ ގޮތުގައި ލިބުނު 100000ރ (އެއް ލައްކަ ރުފިޔާ)ގެ 20 އިންސައްތަ އަށްވާ ފައިސާ ހަދިޔާ ކޮށްފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށެވެ.